އޭޑީކޭއިން ފޯރުކޮއްދޭ ބައެއް ހިދުމަތްތަކުގެ އަގުތައް ބޮޑުކުރުމާއި ގުޅިގެން އެކިފަރާތްތަކުން ކިޔަމުންދާ ފާޑުކިޔުންތަކަށް ޗެއާމަން އަހުމަދު ނާޝިދު ރައްދު ދެއްވައިފިއެވެ. ނާޝިދު ވިދާޅުވީ އަގުތައް ބޮޑުކުރެއްވީ ދެ އަހަރު ވަންދެން ކަމާބެހޭ ފަރާތްތަކާއި ވާހަކަ ދެއްކެވުމަށްފަހު އެނޫން ގޮތެއް ނެތިގެން ކަމަށެވެ.
ނާޝިދު ވިދާޅުވީ މީގެ އަށެއްކަ އަހަރު ކުރީގެ އަގުތަކަށް ބަދަލު ގެންނަވަން ޖެހިވަޑައިގެންނެވީ ކީއްވެ ކަން އޭޑީކޭއިން މީގެ ކުރިން ހާމަކޮށްފައިވާނެއެވެ.
އޭނާ ވިދާޅުވީ ހޮސްޕިޓަލްގައި ބޭނުންކުރާ އިކުއިޕްމެންޓްތަކާއި މުވައްޒަފުންނަށް ކުރަން ޖެހޭ ހަރަދު ބޮޑު ކަމަށާއި، އެގޮތުން މި ވޭތުވެ ދިޔަ ދުވަސްތަކުގައި ހޮސްޕިޓަލުން ދޭ ހިދުމަތްތައް ދިނުމަށް ބޭނުންވާ މުވައްޒަފުންގެ މުސާރަ އާއި އުޖޫރަ 115 ޕަސެންޓް މައްޗަށް ގޮސްފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލަށް ބޭނުންވާ އިކުއިޕްމަންޓްތަށް ހޯދުމަށް ކުރަން ޖެހޭ ހަރަދު 117 ޕަސެންޓް އިތުރުވެފައިވާ ކަމަށް ވެސް ނާޝިދު ވިދާޅުވިއެވެ.
މީގެ އިތުުރުން އެ ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތަށް ފޯރުކޮށް ދިނުމުގައި މާލީ ދަތިތަކެއް ދިމާވަމުންދާ ކަމަށާއި، މާލީ ދަތިކަމުން އަރައިގަނެވެން ހުރީ ހޮސްޕިޓަލުން ފޯރުކޮށްދޭ އަގުތަކަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސްގެން ކަމަށް ވެސް އެ ހޮސްޕިޓަލުންވަނީ ފާހަގަ ކޮށްފައެވެ.
އަދި މިހާރު ނަގަމުން އަންނަ އަގުތަކުގެ ސަބަބުން ހޮސްޕިޓަލަށްވަނީ ފައިދާތޯ ނުވަތަ ގެއްލުންތޯ ސަރުކާރަށް ހުށައަޅާ އޮޑިޓް ސްޓޭޓްމަންޓް ތަކުން އެނގޭނެކަމަށެވެ. އަދި އެއަށްވުރެ އޭޑީކޭ ހޮސްޕިޓަލުން ދައުލަތަށާއި ރައްޔިތުންނަށް ކުރާ މަންފާ ބޮޑުވާނެ ކަމަށް ނާޝިދު ފާހަގަ ކުރެއްވިއެވެ.
އޭޑީކޭއިން އަގުބޮޑު ކުރި ބައެއް ހިދުމަތްތަކަކީ ކޮންސަލްޓޭޝަނާއި އެނދުގެ އަގުތަކާއި ބައެއް އޮޕަރޭޝަންތަކެވެ. އެގޮތުން އާންމު ކޮންސަލްޓޭޝަން ޑޮކްޓަރަށް ދެއްކުމުގެ ފީއަކަށް ކަނޑައަޅާފައި ވަނީ 300 ރުފިޔާއެވެ. އަދި ސުޕާ-ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދެއްކުމުގެ ފީއަކަށް ކަނޑައަޅާފައި 500 ރުފިޔާއެވެ. ޑޮކްޓަރަށް ދެއްކުން ފިޔަވާ އެހެން ހިދުމަތްތަކުން އަދި ޑޮކްޓަރަށް ދައްކަން ނަގާ ފީ ފިޔަވައި، ދެން ހުރި ހިދުމަތްތަކަށް ނަގާ މިންވަރު ވަނީ 10-15 ޕަސެންޓަށް ބޮޑުކޮށްފައެވެ.
އޭޑީކޭގެ އަގުތައް ބޮޑުކުރުމާއި ގުޅިގެން އެތައް ބައެއްގެ ފާޑުކިއުންތައް ދަނީ އެ ހޮސްޕިޓަލަށް އަމާޒުވަމުންނެވެ.