އަންނަ އެޕްރީލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ 19 ވަނަ މަޖިލިސް އިންތިހާބުގައި ޓެބްލެޓް ބޭނުންކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ވިދާޅުވީ މި ފަހަރު އިންތިހާބުގައި އިންޓަނެޓް ނުލިބުނު ނަމަވެސް ޓެބްލެޓް ބޭނުން ކުރަމުން ދާނެކަމަށެވެ. އަދި ކޮންމެ ޓެބްލެޓެއްގައި ވެސް މިފަހަރު ވޯޓާސް ލިސްޓްގެ ފައިލް އިންނާނެ ކަމަށާއި، ވޯޓާ ލިސްޓް ޗެކް ކުރުމާއި މާކް ކުރުމުގެ ކަންކަން ކުރާނީ ޓެބްލެޓުން ކަމަށެވެ. މީގެ އިތުރުން ވޯޓުލާ ނިމުމަށްފަހު ނަތީޖާތައް އެ މަރުކަޒެއްގައި އިއުލާންކޮށް އާންމުކޮށް ފެންނަން ހުންނަ ތަނެއްގައި ތަތްކުރުމަށްފަހު ނަތީޖާ ޓެބްލެޓް މެދުވެރިކޮށް އިންތިހާބާ ބެހޭ މައި މަރުކަޒަށް ވޯޓުލާ މަރުކަޒުތަކުން ފޮނުވާނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ ޓެބްލެޓް ބޭނުންކުރަނީ ކުރިން ބޭނުންކުރަމުން އައި ލެޕްޓޮޕް އަދި ނޯޓު ބުކްގެ ބަދަލުގައި ކަމަށެވެ.