އަންނަ އެޕްރީލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރިމަތިލާން ފޯމް ހުށަހެޅި 403 މީހުންގެ ތެރެއިން ފޯމް ސައްހަވީ 395 މީހުންގެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

މަޖިލިސް އިންތިހާބާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގައި، އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ މަޖިލީހަށް ކުރިމަތިލުމުގެ މުއްދަތު ހަމަވި އިރު ކުރިމަތިލީ 403 މީހުން ކަމަށާއި، ނަމަވެސް އޭގެ ތެރެއިން ކެންޑިޑެންސީ ސައްހަވީ 395 މީހުން ކަމަށެވެ. އަދި މީގެ ތެރެއިން ހަ މީހެއްގެ ފޯމް ބާތިލް ކޮށްފައިވަ ކަމަށް ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ 403 މީހުންގެ ތެރެއިން ދެ މީހަކު ނަން އަނބުރާ ގެންދިޔަކަމަށާއި، އަދި އެ ދެމީހުންގެ ތެރެއިން ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކުރިމަތިލި ކެންޑިޑޭޓް ނަން އަނބުރާ ނެގުމަށްފަހު އަމިއްލަ ގޮތުން ވާދަކުރުމަށް ފޯމް ހުށަހެޅި ކަމަށެވެ.

މީގެ އިތުރުން އެއް ކެންޑިޑޭޓެއްގެ ފޯމް ބާތިލް ކުރުމުން، ގާނޫނޫގައި އޮންނަ ގޮތަށް އެ ކެންޑިޑޭޓް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި، އެކަން ސުޕްރީމް ކޯޓުން އަންގާފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުން ކުރިމަތިލި އަދަދު؛

- އެމްޑީޕީ – 86

- ޑީއާރުޕީ – 5

- އަދާލަތު ޕާޓީ – 9

- ޖުމްހޫރީ ޕާޓީ – 41

- ޕީޕީއެމް – 26

- އެމްޑީއޭ – 8

- އެމްޓީޑީ – 10

- ލޭބާ ޕާޓީ – 9

- ޕީއެންސީ – 23

- އަމިއްލަ ގޮތުން – 186 މެންބަރުން ވަނީ ކުރިމަތިލާފައެވެ.

ޝަރީފު ވިދާޅުވީ މަޖިލިސް އިންތިހާބުގައި ބަހައްޓާނީ 507 ފޮށި ކަމަށެވެ. އެގޮތުން،

- މާލޭގެ ރައްޔިތުން ވޯޓުލުމަށް މާލޭގައި 59 ފޮށި

- މާލޭގައި އުޅޭ އަތޮޅު ތެރޭ މީހުން ވޯޓުލުމަށް މާލޭގައި 82 ފޮށި

- އަތޮޅުތެރެ އާއި ސިޓީތަކުގައި 306 ފޮށި

- ރިސޯޓުތަކުގައި 39 ފޮށި

- ސިނާއީ ސަރަހައްދުތަކުގައި 4 ފޮށި

- އެކި ޖަލުގައި 5 ފޮށި

- ރާއްޖޭއިން ބޭރުގައި 12 ފޮށި ބަހައްޓާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މި ފަހަރު ވޯޓުލާ އިރު ގިނަ އިރުވަންދެން ކިއުގައި މީހުން މަޑުނުކޮށް ވޯޓުލެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން 1000 އަށްވުރެ ގިނަ މީހުން ވޯޓުލުމަށް އެއް ފޮށީގައި ރަޖިސްޓްރީ ވެފައިވާނަމަ، ދެ ފޮށި ބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ. އަދި 1000 އާއި 600 ދެމެދު މީހުން އެއް ފޮށްޓަކަށް ވޯޓުލާނަމަ ދެ ކިއު އާއި ދެ ސްޓޭޝަން ގާއިމް ކުރެވޭނެ ކަމަށެވެ.