މިގައުމު މިވަނީ މިއިން ޒަމާނަކު ބޭނުންނުވާ ވަރަށް، އެކަކު އަނެކަކަށް އިހްތިރާމް ކުރުމާ، އިހްސާންތެރިވުމާ، ކަމޭހިތުމާ، އެކަކު އަނެކެއްގެ އިހްސާސްތައް ދެނެގަތުމުގެ ސިފައާއި އަހްލާގަށް ބޭނުންވެފައި ކަމުގައި ރައީސްގެ އަަނބިކަނބަލުން ފަޒްނާ އަހްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ މިއަދު ހެނދު ގައުމީ މަންހަޖު މުރާޖައާ ކުރުމުގެ މަހާސިންތާ އިފްތިތާހު ކޮށްދިނުމުގެ ރަސްމިއްޔާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދުގެ މަހާސިންތާއަކީ އަލަށް ތާރަފްކުރެވުނު ގައުމީ މަންހަޖު ތައާރަފް ކުރުމަށާއި ގައުމީ މަންހަޖު ތަންފީޒުކުރެވެމުން އަންނަނީ ރަނގަޅަށް ތޯ ބެލެމަށްޓަކައި ސުކޫލް ތަކުގެ އިސްވެރިންނާއި ލީޑިންގް ޓީޗަރުން ބައިވެރިކޮށްގެން ބޭއްވި މަހާސިންތާއެކެވެ.

ދައުބާރު ގޭގައި ބޭއްވި މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ފަޒުނާ ވަނީ ދަރިވަރުންނަށް ކަންކަމާމެދު ވިސްނާ ފިކުރުކުރަން ދަސްކޮށްދިނުމުގެ މުހިންމު ކަމުގެ މައްޗަށާއި، ތަފާތު ނަޒަރުން އެކިއެކި ކަންކަމާމެދު ސުވާލުކުރުމަށް ދަސްކޮށްދިނުމަކީ މުހިންމު ކަމެއް ކަމުގައި ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން އެކަމަނާ ވަނީ ދަރިވަރުން އުނގެނުމަށް އުފާވެރި އަމާން މާހައުލެއް ބިނާކޮށްދެއްވުމަށް މުދައްރިސުންނަށް ބާރުއަޅުއްވައި އެކަން ކުރެއްވޭނެ ގޮތްތަކުގެ މައްޗަށް އަޅިއަޅުވައި ލައްވާފައެވެ. އަދި މަހާސިންތާގެ އެންމެހައި ބައިވެރިންގެ ކިބައިން އެބޭފުޅުންގެ މަސައްކަތްތައް އިހްލާސްތެރިކަމާ ހެޔޮނިޔަތާއެކު ކުރައްވައި ގައުމީ މަސައްކަތެއްގެ ގޮތުގައި ގައުމީ މަންހަޖު މުރާޖައާ ކުރުމުގެ މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

ގައުމީ މަންހަޖު އިސްލާހުކުރުމަށް މިފަދަ މަހާސިންތާއެއް ބޭއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ.