ފީއަލީގައި އަނެއްކާވެސް ޑެންގޫ ފެތުރެމުންދާތީ ރަށް ސާފު ކުރުމުގެ މަސައްކަތް ފަށައިފިކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
ރަށް ސާފު ކުރުމުގައި ހަރަކާތްތެރި ވަނީ އެ ރަށުގައި ހުރި ސަރުކާރު މުއައްސަސާތަކާއި ވޮލަންޓިއާކޮށް ބައިވެރިވާ ފަރާތްތަކެވެ. ސާފް ކުރަމުން ދަނީ ރަށުގެ ކުނިގޮނޑު ސަރަހައްދެވެ. ކައުންސިލުން މައުލޫމާތު ދޭގޮތުގައި މިހާރު ވަނީ ގާތްގަޑަކަށް ދެ ޓަނުގެ ކުނި ނެގިފައެވެ.
ފީއަލީ ކައުންސިލް ރައީސް މުހައްމަދު ޖަލީލް ވިދާޅުވީ މި ކުނިގޮނޑަކީ ފުޅިއާއި ދަޅާއި އެބާވަތުގެ ކުނި ބުނިން ފުރި ވަރަށް ދުވަސްވެފައިވާ އޮތް ކުނިގޮނޑެކެވެ. އަދި ފީއަލީގައި ކުނި ނައްތާލެވޭނެ ރަނގަޅު ހަރުދަނާ ނިޒާމެއް ގާއިމް ކުރެވިފަައި ނެތީ ކުނި ނައްތާލުމަށް ބޭނުންވާ މެޝިނަރީޒް ވެސް ނެތީމަ އެވެ.
ފީއަލީގައި ފެތުރެމުންދާ ހުމުގައި މިހާތަނަށް ހަކުދިން ޑެންގޫއަށް ޕޮޒިޓިވް ވެފައިވާކަމަށާއި މީގެ ތެރެއިން ދެކުދިން އެމަޖެންސީކޮށް މާލެ ފޮނުވައިފާ ކަމަށް ޖަލީލް ވިދާޅުވިއެވެ. ޖަލީލް ވިދާޅުވީ ހުމުގެ އަސަރު ބޮޑަށް ކޮށްފައިވަނީ ކުނިގޮނޑު ހުންނަ ސަރަހައްދުގައި ދިރިއުޅޭ ކުދިންނަށްކަން ވަނީ ފާހަގަ ކުރެވިފައެވެ.
ފީއައްޔަކީ 1300 އާއި ގާތްކުރާ އާބާދީއެއް އޮންނަ ރަށެކެވެ. މީގެތެރެއިން 1100 އެއްހާ މީހުން ދިރިއުޅެނީ ރަށުގައި ކަމަށާއި އޭގެ ތެރެއިން ކުޑަކުދިންގެ އަދަދު 300 އާއި ގާތްކުރެއެވެ.
ފީއަލީގައި ހުންނަ ސިއްހީ މަރުކަޒަކީ ވަސީލަތްތައް ތަނަވަސްވެފައި ނެތް ތަނެއްކަމަށާއި ހިދުމަތެއް ލިބެންޏާ ލިބެނީ އަތޮޅު ހޮސްޕިޓަލުން ކަމަށް ޖަލީލު ވަނީ ވިދާޅުވެފައެވެ.
ފީއަލިން ހުންގަދަ ވެގެން މާލެ ގެނައި ދެ ކުދިންނަށް ފަރުވާދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ.