ހިލޭ ހެލްމެޓް ބެހުމަށްޓަކައި ބާއްވާ އަވެއާނެސް ޕްރޮގްރާމް ބާއްވަން ހަމަޖެހިފައިވާ ދުވަސް ފަސްވެއްޖެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީ އިން ބުނެފިއެވެ.
އެ މިނިސްޓްރީން އިއްޔެ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ހެލްމެޓް ބެހުމަށްޓަކައި ބާއްވާ އަވެއާނެސް ޕްރޮގްރާމް ބާއްވާނެ ދުވަހާއި ތަން އަދި ގަޑި ނަން ނޯޓު ކޮށްފައިވާ ފަރާތްތަކަށް އެސްއެމްއެސް ގެ ޒަރީއްޔާއިން އަންގަމުންދާ ކަމަށެވެ. އަދި ދުވަސް ހަމަޖެހުމުން ޓްރާންސްޕޯޓު އޮތޯރިޓީގެ ވެބްސައިޓުން ވެސް އެ މައުލޫމާތު ލިބޭނެކަމަށެވެ.
މާލޭ ސަރަހައްދަށް ބޮޑެތި މީހުންގެ 2500 ހެލްމެޓް، ކުޑަކުދިންނަށް 500 އަދި އައްޑޫ ސިޓީ އާއި ލާމު އަތޮޅުގެ ގުޅިފައިވާ ރަށް ތަކަށް ބޮޑެތި މީހުންނަށް 1500 ހެލްމެޓް އަދި ކުޑަކުދިންނަށް 500 ހެލްމެޓް ބެހުމަށްވަނީ ހަމަޖެހިފައިވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
މި ޕްރޮގްރާމް އަކީ ބްރިޖް އަދި ހައިވޭގައި ހިނގާ އެކްސިޑެންޓް މަދުކޮށް އެކްސިޑެންޓް ތަކުގައި ވާ ގެއްލުން ކުޑަކުރުމަށާއި އެކްސިޑެންޓްތަކުގައި އަމަލުކުރާނެ ގޮތާއި އަދި މަގުމަތީގެ ސަލާމަތާ ރައްކާތެރިކަމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ޕްރޮގްރާމެކެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ 100 ދުވަސް ތެރޭގައި 5000 ހެލްމެޓް ބެހުމަށް ވަނީ ވައުދުވެވަޑައިގެންފައެވެ.