ޑިންގީއެއް ބަންޑުން ޖަހާލައި ގެއްލުނު އުމުރުން 19 އަހަރުގެ އަންހެން މީހާ އަދިވެސް ނުފެންނަކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ. މިހާދިސާގައި ގެއްލިފައިވާ އަންހެން މީހާއަކީ ލ މާމެންދުއަށް ނިސްބަތްވާ އައިމިނަތު ޝިމާ ނާފިޒު ކަން ވަނީ އެނގިފައެވެ.

އޭނާ ހޯދުމަށް ހެލިކޮޕްޓަރު ވައިގެ މަގު ބަލަމުންދާ ކަމަށާއި ކޯސްޓްގާޑް ޑައިވިން ޓީމްވެސް ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މި ހާދިސާ ހިނގާފައިވަނީ ރޭ 9:30 ހާއިރު ލ. ކައްދޫއިން ފުރައިގެން އެއަތޮޅު މާމެންދޫ އަށް ދަތުރުކުރަމުން ދަނިކޮށެވެ. ހާދިސާ ހިނގި އިރު ޑިންގީގައި ތިބީ އަންހެން މީހާގެ އިތުރުން ފިރިހެނެއް ކަމަށާއި، ޑިންގީ ބަންޑުން ޖަހާލީ ގާދޫ ކަނޑުއޮޅިއަށް ކަމަށް ފުލުހުން ބުނެއެވެ. އަދި ޑިންގީ ބަންޑުން ޖަހާލުމުން އޭގައި އިން ފިރިހެން މީހާ ފަތާފައި ގޮސް ސިކްސް ސެންސަސް ރިސޯޓަށް އެެރިކަމަށް ފުލުހުން ބުނެއެވެ. އެ ފިރިހެން މީހާއަކީ ލ ގަމަށް ނިސްބަތްވާ އިބްރާހިމް ފަޒީލް ކިޔާ މީހެކެވެ.

ޑިންގީ ބަންޑުން ޖަހާލި ސަރަހައްދު

ފުލުހުން މައުލޫމާތު ދޭގޮތުގައި އެދެމީހުންނަކީ ދެމަފިރިންނެއް ނޫނެވެ. އަދި މިހާދިސާގައި ދެމީހުން ދަތުރު ކުރަމުން ދިޔައީ ކުޑަ ޑިންގީއެއްގައި ކަމަށާ ޑިންގީގެ އިންޖީނު ޓޭންކަކީ މަދު އަދަދެއްގެ ޕެޓްރޯލް އެޓޭގޮތަށް ހުންނަ ކުޑަ ޓޭންކެއް ލައިފައި ހުރި ޑިންގީއެކެވެ. ފުލުހުން ބުނާ ގޮތުގައި އެދެމީހުން ދަތުރު ކުރީ 20 ލީޓަރުގެ އިތުރު ޕެޓްރޯލް ހަމެއްވެސް ހިފައިގެންނެވެ. އަދި ޑިންގީ ބަންޑުން ޖަހާލި ހާދިސާ ހިނގަން މެދުވެރިވީ އިންޖީނުން ޕެޓްރޯލް ހުސްވެ، ޕެޓްރޯލް އަޅަން އުޅުމުގެ ތެރޭގައި ޖެހި ރާޅަކާ ކަމަށް ވަނީ މައުލޫމަތު ލިބިފައެވެ.

އެ އަންހެން މީހާ ހޯދުމަށް އެ ރަށު ލޯންޗްތަކުންނާއި ސިކްސް ސެންސަސް ރިސޯޓުގެ ލޯންޗް އަދި ފުލުހުން ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިން ހުއްޓުމެއްނެތި އަދިވެސް އެ އަންހެން މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އަންހެންމީހާ އަކަށް ފަތާކަށް ނޭނގެއެވެ.