ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް މޯލްޑިވްސް ރިފޯމް މޫވްމަންޓަ (އެމްއާރުއެމް) އަށް ސޮއިކުރައްވައިފިއެވެ.

އެ ބޭފުޅުން ވަނީ އެމްއާރުއެމަށް ސޮއިކުރެއްވުމަށްފަހު މެމްބާޝިޕް ފޯމް އެމްއާރުއެމާއި ހަވާލުކުރައްވާފައެވެ. އެމްއާރުއެމަކީ، ޕީޕީއެމް ހޯއްދެވުމުގެ ވިސްނުންފުޅު ދޫކުރެއްވުމަށްފަހު އާ ސިޔާސީ ޕާޓީއެއް އުފެއްދުވުމަށް ނިންމަވައި، މައުމޫން އަލަށް އުފައްދަވަން މަސައްކަތް ކުރައްވާ ޕާޓީއެވެ.

އެމްއާރުއެމް އުފެއްދުމަށް ޕާޓީއަށް ހަމަކުރަން ޖެހޭ 3000 މެންބާޝިޕް ފޯމް ހަމަކުރުމުގެ މަސައްކަތް ކުރިއަށް ދަނީ އެމްއާރުއެމްގައެވެ. މީގެ އިތުރުން އަތޮޅުތަކުން 'ރިކްއެސްޓް' އަންނަ ވަރަކުން އެމްއާރުއެމާއި ގުޅުމަށް ފޯމް ފުރުމުގެ ކަންކަން ހަމަޖައްސައި ދޭނެކަމަށް އެމްއާރުއެމުން ބުނެއެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން ދީފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ.