ލ. ކައްދޫއިން ފުރައިގެން އެއަތޮޅު މާމެންދޫ އަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި އަންހެނަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ މިރޭ 9:30 ހާއިރު ހިނގި މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ 19 އަހަރުގެ އަންހެނެއް ކަމަށެވެ. ފުލުހުން ބުނީ މި ޑިންގީގައި ދަތުރުކުރީ އެ އަންހެން މީހާގެ އިތުރުން ފިރިހެނެއް ކަމަށާއި، ޑިންގީ ބަންޑުން ޖަހާލީ ގާދޫ ކަނޑުއޮޅިއަށް ކަމަށެވެ. އަދި ޑިންގީ ބަންޑުން ޖަހާލުމުން، އޭގައި އިން ފިރިހެން މީހާ ފަތާފައި ގޮސް ސިކްސް ސެންސަސް ރިސޯޓަށް އެރި ނަމަވެސް އަންހެން މީހާ ނުފެންނަ ކަމަށް ފުލުހުން ބުނެ އެވެ.

މި އަންހެން މީހާ އަކީ މާމެންދޫއަށް ނިސްބަތްވާ މީހެއްކަމަށް މައުލޫމާތު ލިބެއެވެ. އަދި އެމީހާ ހޯދުމުގެ މަސައްކަތް އެ ރަށުގެ ލޯންޗްތަކުންނާއި ސިކްސް ސެންސަސް ރިސޯޓުގެ ލޯންޗު އަދި ފުލުހުން ގުޅިގެން ކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.