ފަޅުރަށްތަކާއި ފަޅުތައް ވިއްކައިގެން ދައުލަތަށް ލިބެން ޖެހޭ އެތައް މިލިއަން ރުފިޔާގެ ފައިސާ އަށް ހިޔާނާތްވި މައްސަލައާއި ގުޅިގެން ނެރުނު އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތު ރިޕޯޓްގެ އިތުރުން، އިތުރު ފަސްކަމެއް ބަލަމުންދާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އެސީސީ) އިން ބުނެފިއެވެ.
އޭސީސީގެ ނައިބު ރައިސް މުއައްވިޒު ރަޝީދު ވިދާޅުވީ ހިޔާނާތުގެ ތަހުގީގީ ރިޕޯޓާއި ގުޅިގެން އިތުރު ފަސްކަމެއް ބަލަމުންދާ ކަމަށާއި، އެ ކަންކަން ތަހުގީގުކޮށް ނިނުމުން، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ނުލިބި ހުރި ސުވާލުތަކަށް ޖަވާބު ލިބިގެންދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެ ފަސްކަންތައް ބަލަމުންދާ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި އެމްއެމްޕީއާރުސީގެ ރިޕޯޓުގައި ވެސް ބުނެފައިވާނެ ކަމަށާއި، އެ ކަންތައްތަކަކީ ފުރިހަމަ ނުކުރެވި އިތުރަށް ބަލަމުން ގެންދާ ކަންތައްތައް ކަމަށެވެ.
މުއައްވިޒު ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލަ ބަލަމުން ދިޔައިރު ވެސް ކަމާއި ގުޅުން ހުރި މުއައްސާތަކަށް އަންގަމުން ގެންދެވި ކަމަށެވެ. އަދި މިހާރުވެސް އެ މައްސަލައާއި ގުޅުންހުރި މައްސަލައެއްގައި ކުރީގެ ނައިބު ރައީސް އަދި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މުގުލުގައި ހުންނެވި ކަމަށް ތުހުމަތު ކުރެވޭ އަހުމަދު އަދީބާއި ގުޅުން ހުރި މައްސަަލަތަކެއް ބަލަމުންދާ ކަމަށެވެ.
މީގެ އިތުރުން އެމްއެމްޕީއާރުސީ ކޮރަޕްޝަން މައްސަލަ އާ ގުޅިގެން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ދައުރާ ގުޅޭ މައްސަލައަކާއި، ދައުލަތުގެ ފައިސާ އެސްއޯއެފްގެ އެކައުންޓަށް ވަނުމަށް ފަހު، އެކި ފަރާތްތަކަށް އެ ފައިސާ ލޯނުގެ ގޮތުގައި ދިން މައްސަލަ ވެސް އޭސީސީން އިތުރަށް ބަލަމުން އަންނަ ކަމަށް މުއައްވިޒް ވިދާޅުވިއެވެ.
މި މައްސަލަތަކުގެ އިތުރުން މާފަރު އެއަރޕޯޓް މައްސަލައާއި، ފެނަކަ ކޯޕަރޭޝަނާއި، ވެމްކޯއާ ގުޅުންހުރި ބައެއް މައްސަލަތަކުގެ އިތުރުން، ސީލައިފްއާއި، އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސުން ސަސްޕިޝަސް ޓްރާންސެކްޝަންތަކެއްގެ ގޮތުގައި އޭސީސީއަށް ހުށައަޅާފައިވާ މައްސަލަތަކެއް ބަލަމުންދާ ކަމަށް ވެސް މުއައްވިޒު ވިދާޅުވިއެވެ.