ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން މޯލްޑިވްސް އިމިގްރޭޝަންގެ އިސް ދެ ވެރިއަކު ސަސްޕެންޑް ކޮށްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަސްޕެންޑް ކޮށްފައިވަނީ އިމިގްރޭޝަންގެ އެސިސްޓެންޓް ކޮންޓްރޯލާ އަދި އިމިގްރޭޝަނުގެ ޒިންމާދާރު ވެރިޔާގެ މަގާމުގައި ހުންނެވި ހާމިދު ފަތުހުﷲ އާއި އެސިސްޓެންޓް ކޮންޓްރޯލަ އަބްދުﷲ ވަހީދެވެ.

މި ދެބޭފުޅުން ސަސްޕެންޑް ކޮށްފައިވަނީ ސީއެސްސީން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން ނަމަވެސް، އެއީ ކޮން މައްސަލައެއް ކަން ސާފެއް ނުވެއެވެ. އަދި އެ ދެބޭފުޅުން ސަސްޕެންޑްކޮށްފައިވަނީ މިދިޔަ ބުދަ ދުވަހުން ފެށިގެންނެވެ. އަދި ސަސްޕެންޑް ކުރީ މުސާރައާއި އިނާޔަތްތައް ލިބޭގޮތަށް އެއް މަސް ދުވަހަށެވެ.

ސަސްޕެންޑް ކުރި އިމިގްރޭޝަންގެ ޒިންމާދާރުވެރިޔާގެ މަގާމުގައި ހުންނެވި ހާމިދުގެ ބަދަލުގައި، އެތަނުގެ ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރު މޫސާ ޒަމީރު ވަނީ އެ މަގާމަށް އައްޔަން ކޮށްފައެވެ.