ސިނަމާލެ ފްރެންޑްޝިޕް ބްރިޖު މަތިން މިއަދު މީހަކު ކަނޑަށް ފުންމާލައިފިއެވެ. މެންދުރާ ގާތްވެފައި ހުއްޓާ ހިނގި އެހާދިސާގައި ކަނޑަށް ފުންމާލާފައި ވަނީ ޒުވާން އުމުރުގެ ފިރިހެނެކެވެ. މިމީހާ ފުލުހުންގެ އަވަސް ހަރަކާތާއެކު ސަލާމަތް ކޮށްފައިވާ އިރު މިއީ، ބްރިޖު އާންމުކޮށް ހުޅުވާލި ފަހުން މިފަދަ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން އިތުރު ތަފްސީލެއް ހާމަ ނުކޮށް ބުނެފައިވަނީ ބްރިޖު މަތިން ފުންމާލި މީހަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

މަންޒަރު ދުއް މީހަކާ ހަވާލާދީ ބައެއް ފަރާތްތަކުން ބުނެފައި ވާ ގޮތުގައި، އެ މީހާ ފުންމާލީ ބްރިޖުގެ މެދެއްހާ ހިސާބުންނެވެ. އަދި އެމީހާ ފުންމާލި ހިސާބުގައި ބްރިޖްގެ ވޯކްވޭގައި ކުޑަކުއްޖަކުވެސް ހުރިކަމަށް މައުލޫމާތު ލިބެއެވެ.

އޭނާ ފުންމާލިތަން ބްރިޖުގެ ސެކިއުރިޓީ ބަލަހައްޓަމުން ދިޔަ ފުލުހަކަށް ފެނުމާ އެކު ފުންމާލި މީހާ ސަލާމަތް ކުރުމުގެ މަސައްކަތް ކޮށްފައިވަނީ ފުލުހުން ލޯންޗުގައި ގޮހެވެ. މި ހާދިސާގައި އެ މީހާ އަށް ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެ އެވެ.

އޭނާ މިހާރު އޮތީ އައިޖީއެމް ހޮސްޕިޓަލުގައެވެ.