އަންނަ މަޖިލީސް އިންތިހާބުގައި މައްޗަންގޯޅި މެދު ދާއިރާއަށް ވާދަ ކުރައްވަ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެކައުންޓުގައި ހުރީ އެންމެ 5.5 މިލިއަން ރުފިޔާކަމަށް މާލީ ބަޔާނުން ދައްކައިފިއެވެ.

އެމްޑީޕީގެ ފަރާތުން 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ 87 ކެންޑިޑޭޓުންގެ ތެރެއިން 80 ފަރާތެއްގެ މާލީ ބަޔާން އެ ޕާޓީން ވަނީ އާންމު ކޮށްފައެވެ. އާންމު ކޮށްފައިވާ މާލީ ބަޔާނުގައި ރައީސް ނަޝީދުގެ މާލީ ބަޔާނގެ ތަފްސީލު ހިމަނަމުން ފާހަގަ ކޮށްފައިވަނީ އެމަނިކުފާނުގެ މިލްކިއްޔާތުގައިވާ ފައިސާ ވަނީ ހަތަރު ބޭންކް އެކައުންޓެއްގައި ކަމަށެވެ. ރައީސް ނަޝީދުގެ ބޭންކް އެކައުންޓްތައް ހުރީ ބީއެމްއެލްއާއި އެމްއައިބީއާއި އެސްބީއައި އަދި ލަންޑަންގެ ލޮއިޑްސް ބޭންކްގަ އެވެ. އެ ބޭންކް އެކައުންޓްތަކުގައި ހުރި ފައިސާގެ އަދަދު އެއްކޮށްލުމުން އެމަނިކުފާނުގެ މިލްކިއްޔާތުގައި ހުރި ޖުމްލަ ފައިސާގެ އަދަދަކީ 5.5 މިލިއަން ރުފިޔާއެވެ.

މާލީ ބަޔާން ބުނާ ގޮތުން ނަޝީދުގެ ބީއެމްއެލް އެކައުންޓުގައި ހުރީ 295.85 ރުފިޔާއެވެ. އެމްއައިބީ އެކައުންޓުގައި 19،900.18 ރުފިޔާ ހުރި އިރު
އެސްބީއައިގައި އޮތް ޖޮއިންޓް އެކައުންޓްގައި ފަސް މިލިއަން ރުފިޔާ އެބްހުއްޓެވެ. އަދި ލަންޑަންގެ ލޮއިޑްސް ބޭންކް އެކްއުންޓުގައި 20،144.91 ޕައުންޑް (405،937.95 ރުފިޔާ) އެބަހުއްޓެވެ.

2018 ވަނަ އަހަރުގެ ޖެނުއަރީ އިން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް ރައީސް ނަޝީދަށް އާމްދަނީގެ ގޮތުގައި ލިބިވަޑައިގެންފައި ވަނީ ކުރީގެ ރައީސުންގެ އިނާޔަތުގެ ގޮތުގައި ދައުލަތުން ދޭ 100،000 ރުފިޔާ އެކަންޏެވެ. ވިޔަފާރީގެ ނަފައެއް އަދި ކުއްޔެއްވެސް ލިބިވަޑައެއް ނުގަންނަވައެވެ. އިނާޔަތުގެ ފައިސާ ފިޔަވާ އެއްވެސް އާމްދަނީއެއް ލިބިވަޑައެއް ނުގަންނަވައެވެ.

ރައީސް ނަޝީދުގެ މިލްކިއްޔާތުގައި ހުރި ހަރުމުދާ ކަމުގައި ފާހަގަކޮށްފައި ވަނީ ލ. ގަމުގައި އޮންނަ 4،700 އަކަފޫޓްގެ ބަންޑާރަ ގޯއްޗަކާއި އެމަނިކުފާނު ހިމެނޭ ގޮތުން އާއިލާގެ އިތުރު ތިން ބޭފުޅެއްގެ ނަން މަތީގައި، ކ. ތުލުސްދޫގައި އޮތް 2،000 އެކަފޫޓްގެ ބަންޑާރަ ގޯއްޗެކެވެ.