މާދަމާ ރާއްޖެ އަންނަން ތާވަލު ކޮށްފައި އޮތް ކަމަށް ބުނާ ޕާކިސްތާނުގެ އަސްކަރީ މަނަވަރަކަށް ޑިޕްލޮމެޓިކް ކްލިއަރެންސް ނުދިން މައްސަލައެއް ފެންމަތި ވެއްޖެއެވެ. މިކަން ފެންމަތި ވުމާއެކު ކަމުގެ ހަގީގަތް ހޯދުމަށް ފޮރިން މިނިސްޓަރާ ސުވާލު ކުރުމުން މިނިސްޓާ ޢަބްދުﷲ ޝާހިދު ވިދާޅުވީ އެކަން ބައްލަވާ ލައްވާނެ ކަމަށެވެ.

މިކަމުގެ މައުލޫމާތު ޑިފެންސް މިނިސްޓަރަށް ލިބިވަޑައިގެންފައި ވޭތޯ މިނިސްޓާ މާރިއާ އަޙުމަދު ދީދީއާ ސުވާލު ކޮށްލުމުން ވިދާޅުވީ ޑިޕްލޮމެޓިކް ކްލިއަރެންސް ދިނުމަކީ ފޮރިން މިނިސްޓްރީން ކުރާ ކަމެއް ކަމަށާ، އެއްވެސް އިރެއްގައި ޑިފެންސް މިނިސްޓަރީން އިއުތިރާޒެއް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި ކުރިންވެސް އެގޮތަށް މަނަވަރެއް އައުމަށް ތާވަލު ކުރި ކަމަށާ ނަމަވެސް އެ ދަތުރުވެސް ކެންސަލް ކުރީ އެ ގައުމުން އަމިއްލައަށް ކަމަށް އެނގިވަޑައިގަންނަވާފައި ވާކަމަށެވެ.

މާދަމާ ރާއްޖެ އައުމަށް ތާވަލު ކުރި ޕާކިސްތާނުގެ މަނަވަރަށް ހުއްދަ ނުދިނީ އިންޑިއާގެ ނުފޫޒުން ކަމަށާ އެ މައްސަލައާއި ގުޅިގެން ރާއްޖެއިން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ ޑިފެންސް އެޑްވައިޒާ ލެފްޓިނަންޓް ކާނަލް އިބްރާހިމް ހިލްމީ ޕާކިސްތާނުގެ ޑިފެންސް މިނިސްޓަރީއަށް ހާޒިރު ކުރި ކަމުގެ މައުލޫމާތުވެސް ވަނީ ލިބިފައެވެ.

މިކަމާ ގުޅިގެން ހިލްމީއާ ސުވާލު ކުރުމުން ވިދާޅުވީ އެއްވެސް ކޮމެންޓެއް ކުރާނީ ފޮރިން މިނިސްޓްރީން ކަމަށެވެ.

މި މައްސަލައާ ގުޅޭގޮތުން އިންޑިއާގެ އިތުރުން ޕާކިސްތާނު އޮފިޝަލެއްގެ ބަހެއް ލިބޭގޮތް އަދި ވެފައި ނުވާ އިރު، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާ ސުވާލު ކުރުމުން ވިދާޅުވީ އެ މައްސަލަ 241 ކޮމެޓީއަށް ވެއްދެވުމަށް ތައްޔާރުވެވަޑައިގަންވަމުން ގެންދަވާކަމަށެވެ.