ހޮސްޕިޓަލުގައި 24 ގަޑި އިރު ބޭއްވުމަށް ފަހު ރައީސް އަބްދުﷲ ޔާމީން އަނބުރާ މާފުށީ ޖަލަށް ގެންގޮސްފި އެވެ.

ރޫޓިން ޗެކަޕަކަށް އައިޖީއެމް ހޮސްޕިޓަލުގައި ބޭއްވުމަށް ފަހު ރައީސް ޔާމީން ޖަލަށް ގެންދިޔައީ މިއަދު މެނދުރު ފަހު 3 ޖަހާކަންހާއިރު އެވެ.

އެމްއެމްޕީއާރުސި ހިޔާނާތުގެ ފައިސާގެ ތެރެއިން 1 މިލިއަން ޑޮލަރު ރައީސްގެ އަމިއްލަފުޅު އެކައުންޓަކަށް ޖަމާވި މައްސަލައިގައި ކުރިއަށް ގެންދިޔަ ތަހުގީގަށް ފަހު ރައީސްގެ މައްޗަށް އުފުލާފައިވާ ދައުވާ އާއި ގުޅިގެން ހެކި ނައްތާލައްވަފާނެ ކަމުގެ ބިރަށް ކޯޓުން ރައީސް ޔާމީން ހައްޔަރުކުރުމަށް އަމުރު ކުރުމާ ގުޅިގެން ޖަލުގައި ހުންނަވަނިކޮށް ހޮސްޕިޓަލަށް ގެނައީ ކޮން ކަމެއް ދިމާވެގެންކަން އަދި ވަނީ ސާފުވާ ގޮތް ނުވެފައެވެ.

ރައީސް ޔާމީނުގެ ލޯޔަރުން ވިދާޅުވާ ގޮތުގައި އެމަނިކުފާނު ހޮސްޕިޓަލަށް ގެނައީ އެކަމަށް އެމަނިކުފާނު އެދިވަޑައިގަނެގެނެއް ނޫނެވެ.

އިއްޔެ ރައީސް ޔާމީން ހޮސްޕިޓަލަށް ގެނައުމާއެކު ޕްރޮގްރެސިވް ކޯލިޝަނުގެ ސަޕޯޓަރުން ހޮސްޕިޓާ ތެރެއަށް ވަދެ ވަނީ ހަމަނުޖެހުން ހިންގަން މަސައްކަތް ކޮށްފައެވެ. އަޑުގަދަކޮށް ހުރުތު ބަހުރުވަަ ބޭނުންކޮށްފައެވެ. އަދި ފުލުހުން ވަނީ އެއްވި މީހުންގެ ގަޔަށް ޕެޕަސްޕްރޭ ޖަހާފައެވެ.