ރޭ ޕްރޮގްރެސިވް ކޯލިޝަނުން ކުރި މުޒާހަރާގައި ފުލުހުންގެ ވެހިކަލެއްގެ ފުރޮޅޮ ދޮށަށް ގާބުރިއެއް ލެއްވި މައްސަލައާ ގުޅިގެން ވިލިމާލެ ދާއިރާގެ މަޖިލީސް މެންބަރު އަދި ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

އޭނާ ހާޒިރުވާން އަންގާފައިވަނީ މާދަމާ ރޭ 8:30 އަށެވެ.

ރައީސް ޔާމީން ހައްޔަރު ކުރުމާ ގުޅިގެން ރޭ ޕްރޮގްރެސިވް ކޯލީޝަނުން އާޓިފިޝަލް ބީޗް ސަރަހައްދުގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ނިހާން ވަނީ ޕޭމަންޓް ގަލެއް ފުލުހުންގެ ވެހިކަލުގެ ފުރޮޅު ދަށަށް ލައްވައިފައެވެ. ނިހާން މިކަން ކުރައްވާ ވީޑިއޯ ސޯޝަލްމީޑިއާގައި މިއަދު ވަނީ ދައުރުވެފައެވެ.

އެކަމާ ގުޅިގެން ނިހާން ވިދާޅުވަނީ ފުލުހުންގެ ވެހިކަލްގެ ފުރޮޅު ދަށަށް ގާބުރިއެއް ލެއްވީ އެވަގުތު އެވެހިކަލް އުޅުނީ މުޒާހަރާގެ ބައިވެރިންގެ ތެރެއިން ފަހަތަށް ޖަހަން ކަމަށާ، އެހެން ވުމާއެކު މުޒާހަރާގެ ބައިވެރިންނަށް އަނިޔާއެއް ވިޔަ ނުދެއްވުމަށެވެ.

ފުލުހުން މިކަން ބަލަނީ ވާޖިބަށް ހުރަސް އެޅި މައްސަލައެއްގެ ގޮތުގައި ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.