ކުރީގެ ރައީސް އަބްދުﷲ ޔާމީން ޝަރީއަތް ނިމެންދެން ހައްޔަރުކޮށްފައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފަށް ހުށަހެޅުމުން އެ މައްސަލަ ހައިކޯޓުން ބަލައިގެންފިއެވެ.

އަންގާރަ ދުވަހު ހުށަހެޅި މައްސަލަ މިއަދު ބަލައިގެންފިކަން ޔާމީންގެ ވަކީލު އަބްދުﷲ ސިޔާޒު ވަނީ ކަށަވަރުކޮށްދެއްވައިފައެވެ.

ޔާމީން ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ހައިލަމް އަމުރު ނެރުއްވީ މައްސަލައިގައި ހެއްކަށް ނުފޫޒު ފޯރުއްވަން ޔާމީން އުޅުއްވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނުމުންނެވެ.

ޔާމީން ހައްޔަރުކޮށް މާފުށީ ޖަލަށް ގެންދެވުނު ފަހުން އިއްޔެގެ ހަވީރުގެ ވަގުތެއްގައި ޑެއިލީ ރޫޓިން ޗެކަޕެއް ހެދުމަށް އައިޖީއެމްއެޗަށް ވަނީ ގެންގޮސްފައެވެ. އައިޖީއެމްއެޗުން ބުނީ، ޑޮކްޓަރުގެ ލަފަޔަކަށް ޔާމީން އައިޖީއެމްއެޗްގައި 24 ގަޑި އިރަށް އެޑްމިޓް ކޮށްފައިވާ ކަމަށެވެ. ނަމަވެސް މިކަމުގެ އިތުރު ތަފްސީލެއް އައިޖީއެމްއެޗުން ހާމައެއް ނުކުރެއެވެ.

ޔާމީން ބަންދުގައި ބެހެއްޓުމަށް ކުރިމިނަލް ކޯޓުން އަމުރު ކުރި އިރު ވެސް، އެމަނިކުފާނު ސިއްހީ ހާލު ހުރި ގޮތުން ޑޮކްޓަރަށް ވަޑައިގަންނަވާކަމުގެ ވާހަކަތަކެއް ފެންމަތިވެފައިވެއެވެ. ނަމަވެސް، މިކަމުގެ ތަފްސީލެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. މީގެ ކުރިން ޔާމީން ކޮންމެ ދުވަހަކު އެއްފަހަރު ސެނަހިޔާ ހޮސްޕިޓަލަށް ވަޑައިގަންނަވާ ކަމަށްވެއެވެ.

ޔާމީންގެ ޗެކްއަޕެއް ހެދެވުމަށް އައިޖީއެމްއެޗަށް ގެންދިޔަ ދަނޑިވަޅާ ދިމާކޮށް، ޕްރޮގްރެސިވް ކޯލިޝަނުން ވަނީ އައިޖީއެމްއެޗް ތެރެއަށް ވަދެ ފުުލުހުންނާ ބަހުގެ ހަމަލާތައް ބަދަލުކޮށް ހަމަނުޖެހުން ހިންގާފައެވެ. އަދި އެމީހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ޕެޕަސްޕްރޭ އައިޖީއެމްއެޗް ތެރޭގައި ޖެހިއެވެ.