ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް ފޯމް ހުށައެޅުމުގެ ސުންގަޑި އަކީ މިއަދު ހަވީރު ހަތަރެއް ޖަހާއިރެވެ.

އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި އިއްޔެއާއި ހަމަޔަށް 329 ކެންޑިޑޭޓުން ކުރިމަތިލާފައިވެއެވެ. އެއީ:

އެމްޑީޕީ - 86

އޭޕީ - 08

ޖޭޕީ - 39

ޕީޕީއެމް - 26

އެމްޑީއޭ - 08

ޕީއެންސީ - 23

ޑީއާރްޕީ - 04

އެމްޓީޑީ - 05

އަމިއްލަގޮތުން - 130

މިއަދާ ހަމައަށް މިއަދަދުވަނީ 366 އަށް އަރާފައެވެ.

މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައި ވާއިރު، އަންނަ އެޕްރީލްގައި ބާއްވާ އިންތިހާބުގައި 87 ދާއިރާއަށް މެންބަރުން ހޮވާނެއެވެ. ރިސޯޓުތަކުގައި ވޯޓުފޮށި ބަހައްޓަނީ އެ ރިސޯޓެއްގައި 50 މީހުންނަށް ވުރެ ގިނަ މީހުން ވޯޓުލާން ރީރަޖިސްޓްރީ ވުމުންނެވެ. އަދި ވޯޓު ފޮށި ބަހައްޓަން އިއުލާންކުރި 39 ރިސޯޓުގެ ތެރެއިން 50 މީހުންނަށް ވުރެ މަދުން ރީރަޖިސްޓާ ކުރާ ނަމަ އެ ރިސޯޓެއްގައި ވޯޓު ފޮށި ނުބަހައްޓާނެއެވެ.

އިލެކްޝަނުން ބުނީ މިިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓު ފޮށި ނުބަހައްޓާ އަށް ރިސޯޓެއްގައި މި ފަހަރު ވޯޓު ފޮށި ބަހައްޓަން އެ ކޮމިޝަނުން ނިންމާފައިވާ އިރު، ރިޔާސީ އިންތިހާބުގައި ވޯޓު ފޮށި ބެހެއްޓި ހަތަރު ރިސޯޓެއްގައި ވޯޓު ފޮށި ނުބަހައްޓާނެ ކަމަށެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވޯޓު ފޮށި ބަހައްޓާއިރު، ރާއްޖޭން ބޭރުގައި ދިވެހިން އުޅޭ ހަތް ގައުމެއްގައި ވޯޓު ފޮށި ބަހައްޓަން އީސީން ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި އިންޑިއާ، ސްރީލަންކާ، ބަންގުލަދޭޝް، އިނގިރޭސީ ވިލާތް، ސިންގަޕޫރު، ތައިލެންޑް އަދި މެލޭޝިއާ ހިމެނެއެވެ.

މި އިންތިހާބު ބާއްވަން ހަމަޖެހިފައިވަނީ މިއަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހުއެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 264،589 މީހުންނަށް ލިބެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނާގޮތުގައި ކެންޑިޑޭޓުން ގުރުއަތު ލައިގެން ނަން ތަރުތީބު ކުރުން މި މަހު 27 ވަނަ ދުވަހު އޮންނާނެއެވެ.