އެމެރިކާއިން ރާއްޖެއަށް 9.7 މިލިއަން ޑޮލަރު ނުވަތަ 150 މިލިއަން ރުފިޔާގެ ހިލޭ އެހީއެއް ދިނުމަށް އެމެރިކާގެ ކޮންގްރެސް ތެރެއިން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިން، އިއްޔެ ޕޮމްޕޭއާއެކު ބޭއްވި ބައްދަލުވުމަށްފަހު ޕޮމްޕޭ ދެއްވި ބަޔާނެއްގައި ވިދާޅުވީ ރާއްޖެއަށް 9.7 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ދިނުމަށް ކޮންގްރެސް ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށެވެ. ނަމަވެސް މިކަމުގެ ތަފްސީލެއް ނުދެއްވައެވެ.
މީގެ އިތުރުން ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް ދެމެހެއްޓުމާއި ގުޅޭގޮތުން ފޮރިން މިނިސްޓަރު ޝާހިދާއެކު މަޝްވަރާ ކުރެއްވުނު ކަމަށާއި، ސަރަހައްދީ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި ދެގައުމުން އެއް ވިސްނުމެއްގައި ކުރައްވާ މަސައްކަތާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުނު ކަމަށްވެސް ޕޮމްޕޭ ވިދާޅުވިއެވެ.
މީގެ އިތުރުން ޓެރަރިޒަމާއި ހަރުކަށި ވިސްނުމާއި ދެކޮލަށް ރާއްޖެއާއި އެމެރިކާ ގުޅިގެން މަސައްކަތް ކުރުމަށް ދެ ގައުމުގެ ދެމެދުގައި އިއްޔެ އެއްބަސްވެފައިވާތީ އެކަމަށް ޕޮމްޕޭ މަރުހަވާ ވިދާޅުވިއެވެ. އަދި ޕަބްލިކް ފައިނޭންސް މެނޭޖް ކުރުމާއި، ފައިސާ މެދުވެރިކޮށް ކުރާ ކުށްތަށް ހުއްޓުވުމުގައި ދެގައުމު ގުޅިގެން މަސައްކަތް ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވުނު ކަމަށް ވެސް ޕޮމްޕޭ ވިދާޅުވިއެވެ.
މިއީ ރާއްޖޭގެ ފޮރިން މިނިސްޓަރަކު އެމެރިކާއަށް ކުރައްވާ ފުރަތަމަ ދަތުރެވެ. މި ދަތުރުގައި މިނިސްޓަރު ވަނީ އެމެރިކާއާއެކު، އޭވިއޭޝަން ސެކިއުރިޓީއާއި ގުޅޭ އެމްއޯޔޫއެއްގައި ސޮއިކުރައްވާފައެވެ. އަދި ނޭޝަނަލް ސެކިއުރިޓީ ކައުންސިލާއި ޔޫއެސްއެއިޑާއި އޯޕެކްގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.