ރޭ ޕްރޮގްރެސިވް ކޯލިޝަނުން ކާނިވަލުގައި ބޭއްވި އެއްވުމަށްފަހު އެނބުރި ޕީޕީއެމް އޮފީހަށް މުޒާހަރާގެ ބައިވެރިން ލީޑްކުރަމުން ގޮސް، ފުލުހުންގެ ވެހިކަލްގެ ފުރޮޅުގެ ދަށަށް ގަލެއް ލައްވާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވައިރަލް ވެއްޖެއެވެ.

މި ވެހިކަލަކީ އެއްވުންތަކާއި މުޒާހަރާތައް ގާނޫނާ ހިލާފަށް ހިންގާނަމަ އެކަން ހުއްޓުވުމަށް ނުވަތަ މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ބެލުމާއި، އެއްވުންތަކުގައި މަގުތަކުގެ ޓްރެފިކް ބަލަހައްޓާ ފުލުހުން ގޮވައިގެން ދަތުރުކުރާ ޕިކަޕެކެވެ.

މި ވީޑިއޯއިން ފެންނަ ގޮތުގައި ކާނިވަލުން ނުކުމެގެން، ހެންވޭރު ޕެޓްރޯލް ޝެޑް ކައިރި އެމްޓީސީސީ އޮފީސް ކުރިމަތީގައި މަޑުކޮށްގެން އޮތް ޕިކަޕާއި އަރާ ހަމަވުމުން، އެތާ ހުރި ޕޭމަންޓް ގާތަކަކާ ދިމާއަށް އިޝާރަތް ކޮށްފައި ޕިކަޕު ފުރޮޅު ދަށުގައި ގަލެއް ލުމަށް ވިދާޅުވެއެވެ. ނަމަވެސް އެއްވެސް މީހެއްގެ ސަމާލުކަމެއް އެކަމަށް ނުލިބުމުން، ނިހާން އަމިއްލައަށް ޕޭމަންޓް ގަލެއް ނަގާ ޕިކަޕުގެ ކުރިމަތީ ފުރޮޅު ދަށަށް ލެއްވިއެވެ.

އެވަގުތު އެ ޕިކަޕުގައި ފުލުހެއް ވެސް އިނެވެ. އަދި ގާ ލުމަށްފަހު މުޒާހަރާގެ ބައިވެރިންނާއެކު ނިހާނު ކުރިއަށް ވަޑައިގަތެވެ.

މިކަމާ ގުޅިގެން ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ ވެހިކަލެއް ރައްޔިތުންގެ ތަކެއް ތެރެއަށް ވަދެ، ފަހަތަށް ދުއްވަން އުޅެފިނަމަ ރައްޔިތުންނަށް އަނިޔާ ވެދާނެތީ އެފަދަ ކަމަކުން ރައްޔިތުން ސަލާމަތް ކުރުމަކީ ކޮންމެ މީހެއްގެ ވެސް ވާޖިބެއް ކަމަށެވެ.

ފުލުހުން ފީލްޑަށް ނުކުމެ މަސައްކަތް ކުރަމުންދާއިރު، މިފަދަ ކަމެއް ކޮށްފި ނަމަ، ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސް އެޅިކަމުގެ ދައުވާ އުފުލިދާނެއެވެ.