"މުސްކުޅި ސާރިދޯޅައަށް ވުރެ ޒުވާން ފުއްލާގެ ހާލު ބޮޑު" ކަމަށް ވިދާޅުވެ، އެމްއާރުއެމްގެ ނައިބުރައީސާ އާމިނަތު ނާދިރާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މަލާމަތުގެ ބަސްތަކެއް ރައްދުކުރައްވައިފިއެވެ.
ނާދިރާ މިހެން ވިދާޅުވެފައި ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ލޯންޑާ ކުރި މައްސަލައިގެ ހެއްކަށް ނުފޫޒު ފޯރުއްވަފާނެކަމަށް ބުނެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަށް ދައުލަތުން އެދުމުން، އެގޮތަށް ކޯޓުން އަމުރުކޮށް ބަންދުގައި ބެހެއްޓިތާ 24 ގަޑިއިރު ނުވަނީސް ޑޮކްޓަރަށް ދެއްކުމަށް އެމަނިކުފާނު ގެނައުމުންނެވެ.
މުސްކުޅި ސާރިދޯޅާ އާއި ޒުވާން ފުއްލާގެ ވާހަކައަކީ "ރ. އަތޮޅު ބޮޑު ޖަލްސާ" ގައި 2016 ވަނަ އަހަރު ޔާމީން ދެއްކެވި ވާހަކައެވެ. މި ޖަލްސާ ބާއްވާފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޔާމީނައި ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދި، ޕީޕީއެމް ތެރޭގައި މައްސަލަތައް އުފެދި، ޔާމީނާއި ޕީޕީއެމް ހަވާލުކުރަން ކޯޓުން އަމުރުކުރި ފަހުންނެވެ.
މި ޖަލްސާގައި ޔާމީން ވިދާޅުވެފައިވަނީ "އަޅުގަނޑުމެންނަކަށް ނެތް ދުވަސްވެފައި އޮތް ސާރިދޯޅައެއްގެ ލަސްކަން [ސްލޯ ކަން] މަތީގައި ތިބެވޭކަށް ޖާގައެއް. އަޅުގަނޑުމެން ޖާގަ ހޯދަން މިޖެހެނީ ޅަނދޮޅު ފުއްލާގެ ބާރުން" ކަމަށެވެ.
މީގެ އިތުރުންވެސް ބައެއް އެެހެން ޖަލްސާތަކުގައި ވެސް ޔާމީން ވަނީ ސާރިދޯޅައާއި ފުއްލާގެ ވާހަކަ ދައްކަވާފައެވެ.