މަސްވެރިންނަށް ޒަމާނީ ވަސީލަތްތަކުގެ އެހީގައި ފައިސާގެ މުއާމަލާތް ކުރެވޭނެ ގޮތް ހެދުމަށް ތައާރަފު ކުރާ ޑިޖިޓަލް ކާޑު އިފްތިތާހު ކޮށްފިއެވެ. މަސްވެރިޔާ ކާޑާއި ޑިޖިޓަލް ވޮލެޓު އިފްތިތާހު ކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ގއ އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި އެއަތޮޅު ކޫއްޑޫގައި ބޭއްވި ރަސްމިއަޔާތުގައި މި ކާޑު އިފްތިތާހު ކޮށްދެއްވަމުން ރައީސް ވިދާޅުވީ "މަސްވެރިޔާ ކާޑު އަދި ޑިޖިޓަލް ވޮލެޓް"ގެ ޚިދުމަތަކީ، މަސްވެރިންގެ ވަރަށް ގިނަ ކަންބޮޑުވުންތައް ފިލުވައިދޭނެ ޚިދުމަތެއް ކަމަށެވެ.

ރައީސް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަކީ އެއް ޢާއިލާއެއް ކަމަށާ ސަރުކާރާއި މަސްވެރީންނާއި، މަސްވެރީންނަށް ހިދުމަތްދޭ ކުންފުނިތަކަކީ ވެސް، މިސިނާއަތް ކުރިއަރުވައި ތަރައްގީ ކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ބައިވެރިން ކަމަށެވެ. އަދި ދިވެހީންނަށް ވާރުތަވަމުން އައިސްފައިވާ މަސްވެރިކަން، ތަރައްގީކޮށް ކުރިއެރުވުމަކީ މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް ކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.

ރައީސްގެ 100 ދުވަހުގެ ވައުދުފުތަކުގެ ތެރޭގައި ހިމެނިގެން ތައާރަފު ކުރި މިހިދުމަތުގެ ދަށުން މަސްވެރިން ވިއްކާ މަހަށް ވަގުތުން ފައިސާ ލިބޭނެއެވެ. މި ހިދުމަތުގައި މަސް ގަންނަ ކުންފުނިން ރަޖިސްޓްރީވުމުން މަސްވެރިކަމާ ބެހޭ ވުޒާރާއިން ލައިސަންސް ދީފައި ހުންނަ ހުރިހާ މަސްވެރި އުޅަނދެއް ފެންނަން ހުރެއެވެ. އަދި ޑިޖިޓަލް ވޮލެޓް ތެރެއިން ވަގުތުން މަސް ވިއްކާ އޮޑިއަށް ފައިސާ ދެއްކެއެވެ.

ބޭންކް އޮފް މޯލްޑިވްސް އާއި ފިޝަރީޒް މިނިސްޓްރީ ގުޅިގެން ތަޢާރަފްކުރި މިހިދުމަތުގައި ހިމެނޭ މަސްވެރިޔާ ކާޑަކީ، މަސްދޯނި އެކައުންޓްގެ ހިދުމަތް ހޯދާ މަސްވެރިންނަށް ލިބޭ މާސްޓާ ކާޑެކެވެ. މި ކާޑު ތައްޔާރު ކޮށްފައިވަނީ ރާއްޖޭން ބޭރުގައި ވެސް ބޭނުން ކުރެވޭ ގޮތަށެވެ.