އައިޖީއެމްއެޗް ތެރެއަށް މިއަދު ޕްރޮގްރެސިވް ކޯލިޝަނުން ވަދެ އަޑުގަކުރި މައްސަލަ ބައެއް ފަރާތްތަކުން ކުށްވެރިކުރަން ފަށައިފިއެވެ.
ރާއްޖޭގެ ގިނަ އަދަދެއްގެ ބަލި މީހުން އެޑްމިޓް ކުރެވި ފަރުވާ ދެމުން އަންނަ މައި ހޮސްޕިޓަލަށް ވަދެ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އަޑުގަދަކޮށް ހަމަނުޖެހުން ހިންގާފައި ވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޑެއިލީ ރޫޓިން ޗެކަޕަކަށް މިއަދު ހަވީރު އައިޖީއެމްއެޗަށް ގެނައުމުންނެވެ.
މިކަމާއި ގުޅިގެން ޔާމީން ސަރުކާރުގެ އެސްޓީއޯގެ ކުރީގެ އެމްޑީ އަދި މި ސަރުކާރުގެ އެމްޑަބްލިއުއެސްސީގެ އެމްޑީ އާދަމް އާޒިމް ވިދާޅުވީ، އައިޖީއެމްއެޗް 'އެތެރެ އަދި ކައިރިއަށްވެސް ބަޔަކަށް އެއްވެ އަޑުގަދަކޮށް އެތަނުގެ އަމާންކަން ގެއްލުވާލައި، ބަލިމީހުންނަށް އުނދަގޫ ކުރިޔަ ދީގެން ނުވާނެ' ކަމަށެވެ. އަދި ހުރިހާ ހޮސްޕިޓަލް ތަކަކީ ބަލި މީހުންނަށް އަމާން އޮމާން ތަނަކަށް ވާންޖެހޭނެ ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
މިއަދު ހަވީރު ޕްރޮގްރެސިވް ކޯލިޝަންގެ މެންބަރުން ކޮންޓްރޯލް ކުރުމަށް ފުލުހުން ޕެޕަސްޕްރޭ ޖެހުމުން، ބައެއް ފަރާތްތަކަށް އެކަމުގެ އަސަރު ކުރިއެވެ. މީގެ ތެރޭގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް ހިމެނިވަޑައިގަންނަވައެވެ. ޕެޕަސްޕްރޭ ޖެހުމާއެކު އަބްދުއްރަހީމް ބިންމައްޗަށް ވެއްޓިވަޑައިގަތްތަން ފެނުނެވެ. އަދި ފަރުވާ ހޯއްދެވި ފޮޓޯތަކެއް ވެސް ޓްވިޓާގައި ދައުރުވިއެވެ.
މިކަމާއި ގުޅިގެން މައުމޫން ރިފޯމް މޫވްމަންޓްގެ އެސްޖީ އަބްދުލް އަލީމް ވަނީ '[އަދުރޭ] ގަޔަށް ޕެޕަސްޕްރޭ ޖެހީ ގޭގާ އޮއްވާތޯ' ސުވާލު އުފައްދަވާފައެވެ. އަދި އަދުރޭ އެތެރެއަށް ވަަދެވަޑައިގަތުމަށް 'ކުއްލިއަކަށް ފޭކް ޖެއްސީ' ކަމަށް އަލީމް ވިދާޅުވިއެވެ. މިއީ 'އަދުރޭ ކަމެއް ނެތި ޖެއްސި އާޓެއް' ކަމަށް ވެސް އަލީމް ވިދާޅުވިއެވެ. "ފުރަތަމަ ކަމަކަށް ނުޖެހޭނެ އައިޖީއެމްއެޗަށް ވަދެ އަޑުގަދަކޮށް ފުލުހުންނާ ކުރިމަތިލާކަށް" އަލީމް ވިދާޅުވިއެވެ.
ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނުގައި ބުނެފައިވަނީ އެއްވަނީ ހޮސްޕިޓަލެއްގެ ކައިރިއަށް ކަމުގައި ވާނަމަ، އެ ހޮސްޕިޓަލެއްގެ ގޯތީގެ އިންފާރުން ފެށިގެން ކޮންމެ ބިތަކަށް 50 ފޫޓު ހިމެނޭ ސަރަހައްދު ދުރުގައި އެއްވެވިދާނެ ކަމަށެވެ. އަދި އެގޮތަށް އަމަލު ނުކުރާނަމަ މި ގާނޫނާ ހިލާފުވިކަމަށް ބެލެވޭނެއެވެ.
ޔާމީން ބަންދުކޮށްފައި ވަނީ، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގެ ހެކި ނައްތާލައްވަފާނެތީ ބަންދުގައި ބަހައްޓައިދިނުމަށް ދައުލަތުން އެދުމުން ކޯޓުން އެގޮތަށް ނިންމުމުންނެވެ. އެމްއެމްޕީއާރުސީގެ ފައިސާ ބެހުމުގައި އިސްކޮށް އުޅުނު އެސްއޯއެފުން ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަމަށް އެމްއެމްޕީއާރުސީގެ ތަހުގީގީ ރިޕޯޓުން ދައްކައެވެ.