ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޫޓީން ޗެކްއަޕަކަށް އައިޖީއެމްއެޗަށް ގެނައުމުން، އައިޖީއެމްއެޗް ތެރެއަށް އެއްވި ޕްރޮގްރެސިވް ކޯލިޝަންގެ ސަޕޯޓަރުންގެ ގަޔަށް ފުލުހުން ޕެޕަސުޕްރޭ ޖަހައިފިއެވެ.

ޔާމީން އައިޖީއެމްއެޗަށް ގެނައީ މިއަދު ހަވީރުއެވެ. ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރޫޓިން ޗެކްއަޕެއް ކަމަށް ބުނެ ރައީސް ޔާމީން އައިޖީއެމްއެޗަށް ގެނެސްފައިވާ ކަމަށެވެ. ނިހާން ކުރެއްވި ޓްވީޓްގައި އައިޖީއެމްއެޗް ކާޑިއެކް ޑިޕާޓްމަންޓް ކައިރީގައި ޔާމީނުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ތިއްބެވެ. މީގެ ތެރޭގައި މަޖިލިސް މެންބަރުންނާއި ޕްރޮގްރެސިވް ކޯލިޝަންގެ އިސް ފަރާތްތައް ހިމެނެއެވެ.

ފުލުހުން އައިޖީއެމްއެޗް ތެރެއަށް ޕެޕަސުޕްރޭ ޖަހާފައިވަނީ ހޮސްޕިޓަލަށް މީހުން ޖަމާވުމުން، އެތަނުން މީހުން ދުރުކުރަން ފުލުހުން އުޅުމުގެ ތެރޭގައި، ފުލުހުންގެ އަމުރަށް ކިޔަމަންތެރި ނުވުމުންނެވެ.

ޕެޕާސުޕްރޭގެ އަސަރު އެތަނުގައި ތިބި ބައެއް މީހުންނަށް ކުރި އިރު، ޕީއެންސީގެ ރައީސް އަބްދުއްރަހީމާއި، ބައެއް އެހެން މީހުން ބިންމަތީގައި އޮށޯވެގެން ތިއްބެވެ. ނަމަވެސް މާ ގިނައިރުތަކެއް ނުވެ އަމިއްލައެއް ތެދުވެގެން އެމީހުން ވަނީ ގޮސްފައެވެ.

އައިޖީއެމްއެޗް ތެރެއަށް ވަދެ، ޔާމީންގެ ސަޕޯޓަރުން ހުތުރު ބަހުން ފުލުހުންނާ ދިމާލަށް އެއްޗެހި ގޮވަމުންދިޔަ ބައެއް ވީޑިއޯތައް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އައިޖީއެމްއެޗް ތެރޭގައި ހަމަނުޖެހުން ހިންގި ނަމަވެސް، އެއްވެސް މީހަކު މިހާތަނަށް ހައްޔަރެއް ނުކުރެއެވެ.