ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ 100 ދުވަހުގެ ވައުދުފުޅުގެ ތެރޭގައި ހިމެނޭ ހިލޭ ބަހާ 5000 ހެލްމެޓު އަންނަ ހޮނިހިރު ދުވަހު ބެހުމަށް ހަމަޖެހިފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފިއެވެ.

ހޮނި ހިރު ދުވަހު ހެލްމެޓް ބަހާއިރު، މަގުމަތީގެ ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ކެމްޕޭނެއް އެދުވަހު ފެށުމަށް ވަނީީ ހަމަޖެހިފައެވެ. މި ޕްރޮގްރާމްގެ ދަށުން ބެހުމަށް ހަމަޖެހިފައިވާ ހެލްމެޓުތައް ބެހުމަށް ހަމަޖެހިފައިވަނީ އެއްގަމު އުޅަނދު ދުއްވުމުގައި މަގުމަތީގެ އަހްލާގާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ދެގަޑި އިރުގެ ތަމްރީން ސެޝަނެއްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށެވެ.

މި ޕްރޮގްރާމްގެ ބޭނުމަކީ އުޅަނދު ދުއްވާ ފަރާތްތަކުގެ ހުނަރާއި ގާބިލުކަން އަދި މަގުމަތީގައި އުޅަނދު ދުއްވާނެ ރައްކާތެރި ގޮތްތައް ދަސްކޮށްދީ އުޅަނދު ދުއްވާ ފަރާތްތަކަކީ އެކަމަށް ގާބިލް ބަޔަކަށް ހެދުމާއަދި ބާރަށް ދުއްވުމަކީ ނުރައްކާތެރި ހާދިސާތަކަށް މަގުފަހިވާ ކަމެއްކަން އުޅަނދު ދުއްވާ ފަރާތްތަކަށް އަންގާދިނުމާއެކު ނުރައްކާތެރި އެކްސިޑެންޓްތައް މަދުކުރުމަށް ރައްޔިތުން ހޭލުންތެރި ކުރުމެވެ.

މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ 30 ކިލޯމީޓަރަށް ވުރެ ބާރަށް ދުއްވުމަށް ހުއްދަ ކުރެވިފައިވާ ސަރަހައްދުތަކުގައެވެ. އެގޮތުން މާލެ ސިޓީ، އައްޑޫ ސިޓީ އަދި ހައްދުންމަތީގެ ގުޅިފައިވާ ރަށްރަށުގެ ރައްޔިތުންނަށާއި މި ސަރަހައްދުތަކުގައި ދިރި އުޅޭ ރައްޔިތުންނަށެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ނަންނޯޓުކުރުން މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ވެބްސައިޓްގައި މާދަމާ ހުޅުވާލާނެއެވެ.