ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެސިިސްޓެންޓް ޔޫއެސް ޓްރޭޑް ރިޕްރެޒެންޓޭޓިވް އެޑް ގްރެސާއާ ބައްދަލު ކުރައްވައިފިއެވެ.
ޔޫއެސް ޓްރޭޑް ރިޕްރެޒެންޓޭޓިވް އޮފީހުގައި މިއަދު މެންދުރު ބޭއްވި މި ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ ވިޔަފާރީގެ ޕޮލިސީ އަދި އިގްތިސާދީ ދާއިރާއާއި ގުޅޭގޮތުންނެވެ. އަދި މި ބައްދަލުވުމުގައި އެމެރިކާއާއި ރާއްޖޭގެ ވިޔަފާރީގެ ގުޅުން ފުޅާ ކުރައްވާނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ. މީގެ އިތުރުން ބޭރުގެ އިންވެސްޓްމެންޓްތައް އިތުރު ކުރާނެ ގޮތްތަކާއި އެމެރިކާގެ މާކެޓުގައި ރާއްޖޭގެ މަހުގެ އުފެއްދުންތަކުގެ ވިޔަފާރި ފުޅާކުރުމާއިބެހޭ މަޝްވަރާތައް ވެސް ކުރެވުނެވެ.
މި ބައްދަލުކުރެއްވިމުގައި ގްރެސާ ވިދާޅުވީ ރާއްޖެއާއި އެމެރިކާއާއި ދެމެދު 2009 ވަނަ އަހަރު ސޮއި ކުރެވުނު ޓްރޭޑް އެންޑް އިންވެސްޓްމެންޓް ފްރޭމްވޯރކް އެގްރީމެންޓާ އެއްގޮތަށް އަންނަ މެއި މަހުން ފެށިގެން އަލުން މަޝްވަރާ ކުރެވެން ފެށޭނެ ކަމަށެވެ. މި އެއްބަސްވުމުގެ ބޭނުމަކީ ދެގައުމު ދެމެދުގައިވާ ވިޔަފާރި އަދި އިންވެސްޓްމެންޓްތައް ފުޅާ ކުރުމާއި ދިމާވާ ގޮންޖެހުންތައް މަދުކުރުން ކަމަށް ގްރެސާ ވިދާޅުވިއެވެ. މީގެ އިތުރުން މަސައްކަތްކުރާ މީހުންގެ ހައްގުތަކާއި ފިކުރީ މުދަލުގެ ހައްގުތައް ރައްކާތެރިކުރުމުގެ ކަންކަމާއި ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވުނެވެ.
މިނިސްޓަރ ޝާހިދު އާއި އެކު މި ބައްދަލުވުމުގައި ބައިވެރި ވަޑައިގެންނެވީ ސްޓޭޓް މިނިސްޓަރު އަހްމަދު ހަލީލާއި، އެމެރިކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލީ ނަސީރާއި މިނިސްޓްރީގެ ޑިރެކްޓަރު ޝިއުނީން ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.