ރާއްޖޭއިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިޔަ ދިވެހިންގެ ތެރެއިން، ހަ ފަރާތްތަކުން އަނބުރާ ރާއްޖެ އައުމަށް އެދިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފްގެ މަސައްކަތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ދަޕްރެސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ބުރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ ވަރަށް ގިނަ އާއިލާތަކުން އެމްއެންޑީއެފް އަށް ގުޅާ ހަނގުރާމައަށް ގޮސް ތިބި އެމީހުންގެ އާއިލާ މެންބަރުން ގައުމަށް އެނބުރި ގެނެސް ދިނުމަށް އެދެމުންދާ ކަމަށެވެ. އަދި އާއިލާތަކުން މައިގަނޑު ގޮތެއްގައި ރިޕޯޓު ކުރަމުން ދަނީ، ބޭރުގައުމަތަކުގައި ހިނގާ ހަނގުރާމައިގައި ބައިވެރިވުމަށް ދިޔަ މީހުން ހާލުގައި އުޅޭކަމުގެ ޝަކުވާ ކަމަށެވެ.

އެނާ ވިދާޅުވީ ހަ ފަރާތަކުން މިގޮތަށް އެދިފައިވާ ކަމަށާއި، ނަމަވެސް އެކަން ކުރުމުގައި ގޮސްޖެހުންތަކެއް ހުރި ކަމަށެވެ.

"އެނބުރި ރާއްޖެ ގެނެސްދިނުން އެދި "ހައެއްކަ ފަރާތަކުން" އެމްއެންޑީއެފް އަށް ގުޅާފައިވޭ. މީގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ހިމެނޭ. އެމީހުން އަނބުރާ ގެނައުމުގައި ދަތިތަށް ދިމާވަނީ، އެމީހުންގެ އަތުގައި ދިވެހި ރައްޔިތެއްކަން އަންގައިދޭނެ އައިޑީކާޑެއް، ރަސްމީ ލިޔުމެއް އަދި އެފަދަ އެއްވެސް އެއްޗެއް ނެތުމުން" މަންސޫރު ވިދާޅުވިއެވެ.

ނަމަވެސް އެމީހުން ގެނައުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށާއި، ކަމާގުޅުން ހުރި މުއައްސަސާތަކާއި ގުޅިގެން އެމީހުން ގެނެވޭތޯ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މަންސޫރު ވިދާޅުވިއެވެ.

ނެޝަނަލް ކައުންޓާ ޓެރަރިޒްމ ސެންޓަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ބޭރުގެ އެކި ހަނގުރާމަތަކަށް ރާއްޖެއިން 61 ދިވެހި ފިރިހެނަކު ގޮސްފައިވާކަމަށް ރަސްމީކޮށް އެނގެން އޮވެއެވެ. އަދި ހަނގުރާމައަށް ގޮސް އަނބުރާ އަންނަ މީހުންނާއި، ދިޔުމުގެ ތެރޭގައި އަތުލައިގަނެވޭ މީހުން މުޖްތަމައު އަށް ނެރުމުގެ ކުރިން ރިހިބިލިޓޭޓް ކުރާނެ ކަމަށް މަންސޫރު ވިދާޅުވިއެވެ.