އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން، އެސްއެފުން ޑޮލަރު ޖަމާކުރި، އެމްއެންޑީއެފްގެ މޭޖާ ނަވީން ޒުބައިރާ މެދު ފިޔަވަޅު އަޅާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެ ކޮމިޝަނުން ނެރުނު ބޮޑު ރިޕޯޓުގައި ނަވީން އަށް އެއް ލައްކަ ޑޮލަރު (ގާތްގަނޑަކަށް 1.5 މިލިއަން ރުފިޔާ) ލިބުނު އިރު އެއީ އެންމެ ބޮޑެތި އަދަދުތަކުން އެއްފަހަރާ ފައިސާ ލިބުނު މީހުންގެ ތެރެއިން އެކަކެވެ.
ނަވީނަކީ ސިފައިންގޭގައި ވަރަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި، މިހާރު މޭޖާއެއްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އޭނާ ކައިވެނި ބައްލަވައިގެން އުޅުއްވަނީ، އެނގިފައިވާ ގޮތުގައި، މި ހިޔާނާތުގެ އެންމެ މުގުލުގައި ހުންނެވި ކަމަށް ރިޕޯޓުތަކުން ބުނާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ކުރީގެ އަނބިކަަނބަލުންގެ އާއިލާގެ ބޭފުޅަކާއެވެ.
އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަަލުވުމުގައި ވާހަކަ ދައްކަވަމުން، ޝަމާލް ވިދާޅުވީ އެކަންކމުގައި ސަރުކާރުގެ ޕޮލިސީގެ ތެރެއިން ނަވީނާމެދު އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށާއި، އެހެން ނަމަވެސް، ފިޔަވަޅު އެޅުން ލަސްވަނީ އޭނާ މިވަގުތު ރާއްޖެއިން ބޭރުގައި ތަމްރީނެއްގައި ހުންނެވުމުން ކަމަށެވެ.
"މޭޖާ ނަވީން ޒުވައިބު މި ވަގުތު ހުންނެވީ ދެތިން ހަފުތާއެއްގެ ވޯކްޝޮޕެއްގައި ރާއްޖެއިން ބޭރުގައި. ރިޕޯޓް ނިކުތުމާ އެކީގައި އަޅުގަނޑުމެންނަށް ވެސް އެ ނަން ފެނުނީ. ދެން ނަވީންއާ ދޭތެރޭގައި މިހާރުން މިހާރަށް ރާއްޖޭން ބޭރުގައި ހުންނެވީމާ ސުވާލުކޮށް ކަންތައް ކުރަން އެބަހުރި ބައެއް ލިމިޓޭޝަންސް. އެހެން ނަމަވެސް ހަމަ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް އަޅުގަނޑުމެން އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ވާހަކަ ދަންނަވަން" ޝަމާލް ވިދާޅުވިއެވެ.
ޝަމާލް ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާ ނަވީންއަށް ލިބުނު މައްސަލައިގައި ފިޔަވަޅު އަޅާނެ ކަމަށާއި، ނަމަވެސް އަދި އަޅާނީ ކޮން ފިޔަވަޅެއް ކަމެއް ނުނިންމާ ކަމަށެވެ.