ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރައްވާ ޕާޓީ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ރަޖިސްޓްރީ ކުރުމަށް 3000 މީހުން ހަމަކުރަން އަވަސް އަވަރުވާލައިގެން ނޫޅޭ ކަމަށް އެމްއާރްއެމް އިން ބުނެފިއެވެ.

ދަޕްރެސް އަށް މައުލޫމާތު ދެއްވަމުން އެމްއާރްއެމްގެ ސެކަޓްރީ ޖެނަރަލް އަބްދުލް އަލީމް އާދަމް ވިދާޅުވީ، އަވަސް އަރުވާލައިގެން 3000 މީހުން ހަމަކުރުމަށް މަސައްކަތް ނުކުރާ ކަމަށާއި މިހާރު އިސްކަންދެނީ ކުރިއަށް އޮތް މަޖިލީސް އިންތިހާބަށް ކަމަށެވެެ. އަދި މިހާތަނަށް ލިބިފައިވާ ފޯމުތަކުގެ އަދަދު ބުނަން ނޭނގޭ ކަމަށެވެ.

ޕާޓީގައި ބޭނުންކުރާނެ ލޯގޯ އާއި ކުލަ އާއި ބެހޭ ގޮތުން އަދި މަޝްވަރާކޮށްފައި ނުވާކަމަށް ވެސް އަލީމް ވިދާޅުވިއެވެ.

މިހާރު އެ ޕާޓީގައި ރަޖިސްޓްރީ ވުމަށް އާންމުކޮށް ހުޅުވާލާފައިވާ ކަމަށާއި އަދި އަތޮޅުތެރޭގެ ރަށްތަކަށް ވެސް ފޯމް ފޮނުވާފައިވާނެ ކަމަށް އަލީމް ވިދާޅުވިއެވެ. މާލޭގައި ރަޖިސްޓްރީ ވުމުގެ ކަންތައްތައް ކުރިއަށް ދަނީ މއ. އެންދެރިމާގެ (އެމްއާރުއެމް އޮފީސް) ގައި ހެނދުނު 10:30 ފެށިގެން ހަވީރު 6:00އަށް އަދި ރޭގަނޑު 8:30 ފެށިގެން 11:00 އަށެވެ.

އެމްއާރްއެމް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަންއިން އިއްޔެ ދީފައިވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓާ އިބްރާހީމް ހަސަނަށެވެ.