މަގުމަތީގައި ދިމާވާ އެކްސިޑެންޓްތަކުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށާއި، އާންމުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން ހިލޭދޭ 5000 ހެލްމެޓް ދޫކުރާނީ އެކަމަށް ހާއްސަ ކޯހެއް ފުރިހަމަ ކުރުމުން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި 5000 ހެލްމެޓް ބެހުމަށް ވަނީ ވައުދުވެވަޑައިގެންފައެވެ.

ހިލޭ ހެލްމެޓް ދޫކުރުމާ ގުޅޭގޮތުން މިނިސްޓަރު ނަހުލާ ވިދާޅުވީ ހެލްމެޓް ބަހަން ނިންމާފައި ވަނީ ޓްރާންސްޕޯޓު އޮތޯރިޓީން ކުރިއަށް ގެންދާ ހާއްސަ ކޯހެއް ފުރިހަމަ ކުރާ ފަރާތްތަކަށް ކަމަށެވެ. މި ކޯހަކީ އެކްސިޑެންޓްތަކުގައި އަމަލު ކުރާނެ ގޮތާއި، އެފަދަ ހާލަތްތަކުގައި ކަންކުރާނެ ގޮތް އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ކޯހެކެވެ.

"މި ކޯހުގައި އެކްސިޑެންޓްތައް މަދުކުރުމަށް ބާރުއަޅާނެ. އަދި އެފަދަ ހާދިސާއެއް ހިނގައިފި ނަމަ، އަމަލުކުރާނެ ގޮތް މި ކޯހުގެ ތެރެއިން ދަސްކޮށްދޭނެ. ހެލެމެޓް ދޫކުރާނީ މި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް. މިއީ 3 – 4 ގަޑިއިރުގެ ކޯހެއް. ބައިވެރިވެވޭނީ އެކަމަށް އެދި ނަންނޯޓު ކުރާ ފަރާތްތަކަށް" ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ 5000 ހެލްމެޓްގެ ތެރެއިން މިހާތަނަށް 3500 ހެލްމެޓް ޔުނިސެފްގެ އެހީތެރިކަމާއެކު ލިބިފައިވާ ކަމަށެވެ. އަދި ބާކީ 1500 ހެލްމެޓް ހޯދުމަށް ބިޑަށް ހުޅުވާލެވިފައިވާ ކަމަށާއި، ވަރަށް އަވަހަށް އެ ހެލްމެޓްތައް ވެސް ލިބިގެންދާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ 5000 ހެލްމެޓަކީ އާބާދީގެ ނިސްބަތުން މަދު އެއްޗެއްކަން ގަބޫލުކުރައްވާ ކަމަށެވެ. އަދި މިހާރު 5000 ހެލްމެޓް ބެހި ނަމަވެސް، އަމާޒަކީ ކުރިއަށް އޮތްތާގައި މިފަދަ ގޮތަކަށް އާންމުންނަށް ހެލްމެޓް ލިބޭނެ ގޮތް ހަމަޖައްސައިދެއްވުން ކަމަށެވެ.

ސިނަމާލެ ބުރިޖާއި، ހައިވޭގައި ހިނގާ އެކްސިޑެންތްތަކުގައި ފުރާނައަށް ލިބޭ ގެއްލުން ކުޑަކުރުމަށް ސަރުކާރުން ވަނީ އަންނަ މާޗް މަހުގެ 10 ވަނަ ދުވަހުން ފެށިގެން ބުރިޖް އަދި ހައިވޭގައި ހެލްމެޓް އެޅުން މަޖުބޫރުކޮށްފައެވެ.