ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނެވީ ވަރަށް ސާބިިތުކަންމަތީގައި ކަމަށް އެމަނިކުފާނުގެ ވަކީލު އަބްދުﷲ ޝިޔާޒް ވިދާޅުވެއްޖެއެވެ.

ޝިޔާޒު ކުރެއްވި ޓުވީޓެެއްގައި ބުނެފައި ވަނީ ރައީސް ޔާމީން ހުންނެވީ ވަރަށް ސާބިތުކަންމަތީގައި ކަމަށާއި ހުރިހާ ސަޕޯޓަރުން ވެސް ހިއްވަރު އާކުރައްވާ އަޒުމް ވަރުގަދަކޮށް ސަފުތައް ބަދަހިކުރައްވައިގެން ތިއްބެވުމަން އެމަނުކުފާނު އެދިވަޑަގެންނެވި ކަމަށާއި، އަދި އުއްމީދަކީ ވީ އެންމެ އަވަހަށް ސަޕޯޓަރުންނާއި ބައްދަލުވުން ކަމުގައި އެމަނިކުފާނު ވިދާޅުވި ކަމަށް ޝިޔާޒުގެ ޓުވީޓުގައި ބުނެފައިވެއެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާ އަކީ އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާއިން، އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އަމިއްލަފުޅު އެކައުންޓަށް ފައިސާ ވަން މައްސަލައެވެ. މި މައްސަލައިގެ ޝަރީއަތް ނިމެންދެން އެމަނުކުފާނު ޖަލު ބަންދުގައި ބެހެއްޓުމަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް ބުނެފައި ވަނީ ޔާމީން ހުންނެވީ މާފުށި ޖަލުގެ ސްޕެޝަލް ޕްރޮޓެކްޝަން ޔުނިޓެއްގައި ކަމަށެވެ.

ސްޕެސަލް ޕްރޮޓެކްޝަން ޔުނިޓަކީ ރަނގަޅު ފެންވަރަކަށް ހަދާފައި ހުންނަ ގޮޅިތަކެވެ. އެގޮޅިތައް ހަދާފައި ހުންނަނީ އެނދާއި އަލަމާރިއާ އެކު އޭސީ ކޮށްފައެވެ. މީގެ އިތުރުން ވަކިން ފާހާނަ އާއި އޮޓޯ މެޝިން ވެސް ހުރެއެވެ.

ރައީސް ޔާމީން ބަންދުކޮށްފައި ހުންނެވި ގޮޅިއަކީ އެމަނިކުފާނުގެ ސަރުކާރުގައި އެއްބަފާ ބޭބޭފުޅު ރައީސް މައުމޫން ބަންދުކޮށްފައި ހުރި ގޮޅިއެވެ.