ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައިގެން އުފައްދަވާ އާ ޕާޓީ، މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން މިއަދު ދީފިއެވެ.
މި ހުއްދަ ދީފައިވަނީ މައުމޫނުގެ ފަރާތްޕުޅުން ޕާޓީގެ މުއައްސިސެއްގެ ގޮތުގައި ނަން ހުށަހެޅުއްވި އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަން އަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ޕާޓީ އަކީ އިސްލާހީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އުފައްދާ ޕާޓީއެކެވެ. އަދި ޕާޓީގެ މައިގަނޑު މަގުސަދަކަށް ވަނީ މި ސަރުކާރުގެ ވެރިކަން ދަމަހައްޓާ ސަރުކާުރުގެ ކޯލިޝަން ދެމެހެއްޓުން ކަމަށެވެ.
އެމްއާރުއެމް އުފެއްދުމުގައި އިސްކޮށް އުޅުއްވާ އަބްދުﷲ ކަމާލުއްދީން ވިދާޅުވެފައިވަނީ ރައީސް މައުމޫނުގެ ފިކުރަކީ ފަހަކަށް އައިސް އުފެދުނު ފިކުރެއް ނޫން ކަމަށާއި އެއީ ރާއްޖޭގައި މީގެ 27 އަހަރު ކުރިންވެސް އޮތް ފިކުރެއްކަމަށެވެ. އަދި އަލަށް އުފެދޭ ޕާޓީގެ މަގްސަދަކަށް ވާނީ ރޫޅި ވިއްސި ވިހާލިވެގެން ގޮސްފައިވާ ބައިތައް ވެސް އެއްކޮށް، އަނެއްކާވެސް އެންމެން އެކީގައި ވަރަށް ވަރުގަދަ ފިކުރެއްގެ ގޮތުގައި އެމްއާރުއެމް ގެ ފިކުރު ކުރިއެރުވުން ކަމަށެވެ.
މޯލްޑިވެސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އަކީ ރައީސް މައުމޫނު އިސްކޮށް ހުންނަވައިގެން އުފައްދާ ތިންވަނަ ސިޔާސީ ޕާޓީއެވެ. އެގޮތުން އެމަނިކުފާނު އެންމެ ފުރަތަމަ އެފެއްދެވި ޕާޓީ އަކީ ޑީއާރުޕީ އެވެ. އެއަށް ފަހު ޕީޕީއެމް އެވެ.