މަޖިލީހުގެ އިންތިހާބުގައި ވޯޓުލާން ރީރަޖިސްޓާ ވުމަށް ހުޅުވާލާފައިވާއިރު އެ ފުރުސަތު އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވޯޓު ލާން ރަޖިސްޓާ ކުރި ތަނަށް މި އިންތިހާބުގައި ވޯޓު ލާ މީހުން ރީރެޖިސްޓާވާކަން ނުޖެހޭނެއެވެ. އެ މީހުން ވޯޓުލާން މިހާރު ވެސް އޮންނާނީ ރިޔާސީ އިންތިހާބުގައި ވޯޓު ލީ ތަނަށެވެ. ރީރެޖިސްޓާ ވާން ޖެހޭނީ މިހާރު ރަޖިސްޓްރީވެފައިވާ ތަނަށް ބަދަލެއް ގެންނަން ބޭނުންވާ މީހުން އެކަންޏެވެ.

ރީރަޖިސްޓާ ވުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަންނާނީ ފޯމު ހުށަހަޅަން އަންނަ މީހަކު ޒިންމާވާ ގޮތަށް ކަމަށާއި، އާންމު ފަރުދަކަށް 10 ފޯމު ހުށަހެޅޭ އިރު، ސިޔާސީ ޕާޓީއަކަށް އެއްފަހަރާ 100 ފޯމު ހުށަހެޅޭނެ ކަމަށާއި އަދި އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ހުށަހަޅާ ފޯމެއް ބަލައެއް ނުގަންނާނެ ކަމަށް އީސީން ބުނެއެވެ.

ވޯޓުލާން ރަޖިސްޓާ ވުމަށް ބޭނުންވާ ފޯމު އީސީގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބޭނެއެވެ. އަދި އެ ތަންތަނުން ފޯމުތައް ބަލައިގަތުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނެއެވެ. މާލެއިން ނަމަ އެ މަސައްކަތްތައް ކުރިއަށް ގެންދާނީ ބާ ޖަމާލުއްދީނުގައި ހުންނަ އީސީގެ ބިއުރޯ އިންނެވެ.

ރީރަޖިސްޓާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ހަވީރު 3:00 އަށެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށެވެ. ހުކުރު ދުވަހު ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 3:00 އިން ހަވީރު 5:00 އަށެވެ.