ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ޑިރެކްޓަރުގެ ބޯޑުގައި ހިމެނިވަޑައިގެންނެވި މ. ހުއިވަނިި، އިސްމާއިލް ޔާސިރު، އެ މަގާމުން ވަކިކޮށްފިއެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި އެސްޓީއޯއިން ބުނީ އިސްމާއިލް ޔާސިރު އެސްޓީއޯގެ ބޯޑުން ވަކިކުރެއްވީ އިއްޔެ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނި ކަމަށެވެ. ނަމަވެސް އޭނާ އެ މަގާމުން ވަކި ކުރި ސަބަބެއް އެ ކުންފުނިން ބުނެފައެއް ނުވެއެވެ.

ޔާސިރު އެސްޓީއޯގެ ބޯޑުން ވަކިކޮށްފައި މި ވަނީ އެ ބޯޑަށް އޭނާ އައްޔަން ކުރިތާ ދެހަފްތާ ވެސް ނުވަނީހެވެ. އެ ބޯޑަށް އޭނާ އައްޔަނު ކުރެއްވީ މި މަހުގެ ހަ ވަނަ ދުވަހުއެވެ.

އެސްޓީއޯގެ ބޯޑުގައި މިހާރު ހިމެނިވަޑައިގަންނަވަނީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އަމްރު އާއި އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު މިހާދުގެ އިތުރުން ޑިރެކްޓަރު އާމިރު މަންސޫރާއި މަރިޔަމް ޒާހިޔާ އާއި އާންމު ހިއްސާދާރުން ތަމްސީލު ކުރައްވާ ޑިރެކްޓަރު އައިޝަތު ފަޒީނާއެވެ.

ކޮންމެ އާ ސަރުކާރަކާ އެކު ކުންފުނިތަކުގެ ބޯޑަށް ބަދަލު އަންނަ އިރު އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށްވަޑައިގެންނެވި ފަހުން ކުންފުނިތަކުގެ ބޯޑަށް ވެސް އާ ޑިރެކްޓަރުން ދަނީ އައްޔަން ކުރައްވަމުންނެވެ.