އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގެ ތެރެއިން އެމްއެންޑީއެފްގެ މޭޖާ އިބްރާހީމް ނަވީން ޒުބެއިރަށް އެއްލައްކަ ޑޮލަރު ލިބިފައިވާ ކަމަށް އޭސީސީގެ ރިޕޯޓުގައި ބުނެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެ ކޮމިޝަނުން ނެރުނު ބޮޑު ރިޕޯޓުގައި ނަވީން އަށް އެއް ލައްކަ ޑޮލަރު (ގާތްގަނޑަކަށް 1.5 މިލިއަން ރުފިޔާ) ލިބުނު އިރު އެއީ އެންމެ ބޮޑެތި އަދަދުތަކުން އެއްފަހަރާ ފައިސާ ލިބުނު މީހުންގެ ތެރެއިން އެކަކެވެ.

ނަވީނަކީ ސިފައިންގޭގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި، މިހާރު މޭޖާއެއްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އޭނާ ކައިވެނި ބައްލަވައިގެން އުޅުއްވަނީ، އެނގިފައިވާ ގޮތުގައި، މި ޚިޔާނާތުގެ އެންމެ މުގުލުގައި ހުންނެވި ކަމަށް ރިޕޯޓުތަކުން ބުނާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ކުރީގެ އަނބިކަަނބަލުންގެ އާއިލާގެ ބޭފުޅަކާއެވެ.

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ޚިޔާނާތުގައި ބައިވެރިވި ކަމަށް ބުނެ، އޭސީސީން ނެރެފައިވާ ރިޕޯޓުގައި ނަން ހިމެނިފައިވާ ސަރުކާރުގެ އިސް ބޭފުޅުންގެ މައްސަލަތައް މިހާރު ގެންދަނީ ތަހުގީގުކުރަމުންނެވެ. އަދި ތުހުމަތު ކޮށްފައިވާ، މިހާރު ސަރުކާރުގައި އުޅުއްވާ އެންމެ އިސް ބައެއް ބޭފުޅުން ވަނީ މަގާމުން ސަސްޕެންޑް ވެސް ކޮށްފަ އެވެ. އެކަމަކު، ނަވީންއާ ބެހޭ ގޮތުން އެޅި ފިޔަވަޅެއް އަދި ސާފެއް ނުވެއެވެ.

މި ޚިޔާނާތުގައި ނަވީންގެ އެކައުންޓަށް އެއް ލައްކަ ޑޮލަރު ވަން މައްސަލަ ބަލާތޯ ދެންނެވުމުން އެމްއެންޑީއެފުން އަދި އެއްވެސް އެއްޗެކޭ ނުބުނެއެވެ. އެކަމާ ބެހޭ ގޮތުން އެމްއެންޑީއެފުގެ މީޑިއާ އޮފިޝަލަށް ގުޅުމުން ޖަވާބެއް ދެއްވާނެ ކަމަށް ވިދާޅުވި ފަހުން ދެ ދުވަސްވީ އެވެ. އެހެންވެ، މި މައްސަލައިގައި އެތެރޭގެ ތަހުގީގެއް ކުރިކަމެއް، ނުވަތަ ނޫން ކަމެއް ވެސް ސާފެއް ނުވެ އެވެ. އެކަމަކު ނަވީން ސަސްޕެންޑް ނުކުރާ ކަމަށް ވެ އެވެ.
މި މައްސަލައާ ގުޅިގެން ނަވީނަށް ގުޅުމުން އޭނާ ވިދާޅުވީ އޭނާގެ އެކައުންޓަށް ފައިސާ ވަދެފައިވާ ގޮތާ ބެހޭ ގޮތުން އެއްޗެއް ވިދާޅުވާން އަދި އަވަސް ކަމަށެވެ. އެއްވެސް ފިޔަވަޅެއް އެޅިތޯ ދެންނެވުމުން މިވަގުތު އަދި ކޮމެންޓް ކުރައްވަން ބޭނުންފުޅު ނުވާކަމަށް ވިދާޅުވިއެވެ.

އާ ސަރުކާރާ އެކު ސިފައިންގޭގެ އެންމެ އިސް މަގާމުތަކަށް ބަދަލު އައިފަހުން، ސިފައިންނަށް ސިޔާސީ ނުފޫޒު ނުފޯރާނެހެން ކަންކަން ކުރައްވަމުން ގެންދަވާ ކަމަށް ސިފައިންގެ ލީޑަރޝިޕްގެ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ. ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ކުރައްްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި އޭނާ ހުންނަވާ އޮފީހެއްގައި ޚިޔާނާތުގެ އެއްވެސް ކަމެއް ހިނގާނަމަ، އެކަމެއް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅުއްވައިގެން ބެލުމަކީ އެދިވަޑައިގަންނަވާ ކަމެކެވެ.