ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަކީ ކޮންމެ ފަނޑިޔާރެއްގެ ވެސް އިސް އަމާޒަށް ހެއްދެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައި ވަނީ ގަޟާއީ އަހަރު 2019 އިފްތިތާފު ކުރެއްވުމަށްޓަކައި ރޭ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައްޔިތުންގެ ލޯތައް އަމާޒުވެފައި ހުރީ ތިޔަ ފަނޑިޔާރުންނަށް ކަމަށާއި، ރައްޔިތުންގެ އުންމީދުތައް ހާސިލްވާނީ ތިޔަ ފަނޑިޔާރުން ނަޒާހަތްތެރިވާ މިންވަރަކުން ކަމަށާއި ރައްޔިތުންގެ ހައްގުތައް ގުޅިފައި ވަނީ ފަނޑިޔާރުން އިއްވަވާ ހުކުމްތަކަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފަނޑިޔާރުގެ އިސްލާހުކޮށް، އިންސާފުގެ މަގަށް ޝަރީއަތް ކުރެވޭނެ މަގުކޮށުމަކީ އެމަނިކުފާނުގެ ރިއާސީ ވައުދެއް ކަމަށާއި މާތް ﷲ ގެ ވާގިފުޅާއެކު ގާނޫނީ އިމުގެ ތެރެއިން އަދި ފަނޑިޔާރުންގެ ލަފަޔާ މަޝްވަރާއެކު މި ސަރުކާރުން އެ ވައުދު ފުއްދާނެކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި ވާހަަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވެފައި ވަނީ ރައްޔިތުންގެ އުއްމީދަކީ ފަނޑިޔާރުން ނުފޫޒުތަކުން އެއްކިބާވެ، އަދުލް އިންސާފު ގާއިމްކޮށްދޭނެ ކަމުގެ ޔަގީންކަން ލިބުން ކަމަށެވެ. އަދި ފަނޑިޔާރުން ޖަވާބުދާރީ ކުރެވުމުގެ ޒިންމާ އަދާކުރަންޖެހޭނީ، ޖުޑީޝަލް ސާވިސް ކޮމިޝަންގައި ހިމެނިވަނޑައިގަންނަވާ ބޭފުޅުންނާއި ޖޭއެސްސީގެ މެންބަރުންކަމެވެ. ޖޭޭއެސްސީ މެންބަރުންނަކީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މަގާމުގެ ގޮތުންނާއި ޖޭއެސްސީ ގެ މެންބަރުކަމުގެ ހުވައިވެސް ކުރައްވައިގެން ތިއްބެވި ބޭފުޅުން ކަމުގައިވާތީ އެންމެ ނަޒާހަތްތެރިވާން ޖެހޭނީ އެ މެންބަރުން ކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، އަޅުގަނޑުމެންގެ ތެރެއިން ނެތިގެން މިއުޅެނީ ގާނޫނުތަކާއި ގަވާއިދުތައް ނޫން ކަމަށާއި، ގެއްލިގެން މިއުޅެނީ، އަޅުގަނޑުމެންގެ އަމިއްލަ ޒާތުގައި ހުންނަށްޖެހޭ، އިހްލާސްތެރި ކަމާއި އަމާނާތްތެެރިކަމާއި ތެދުވެރިކަން ކަމުގައި ވިދާޅުވިއެވެ.

ފަނޑިޔާރުގެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ ދައުލަތުގެ މުސްތަގިއްލު ބާރެއް ކަމަށާއި އަދި ފަނޑިޔާރުންނަކީ ވަކި މުއްދަތެއް ނެތި ދާއިމީ ގޮތެއްގައި އެ މަގާމަށް އައްޔަންކުރެވޭ ބައެއް ކަމުގައިވާތީ މިދެންނެވި މިނިވަންކަމާއި ބާރާ އެއްވަރަށް އިންސާފު ގާއިމްކޮށްދިނުމަކީ ފަނޑިޔާރުންގެ ފަރާތުން ރައްޔިތުން އެދޭ އެންމެ ބޮޑު އެދުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.