އަންހެނުންނާ ގުޅުންހުރި ގާނޫނުތަައް ތަންފީޒުކުރާ މިންވަރު ބެއްލެވުމަށްޓަކައި ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ޒިޔާރަތްކުރައްވަން އިއްޔެ ފަށްޓަވައިފިއެވެ.
އެގޮތުން މިނިސްޓާ ޒިޔާރަތްކުރައްވާފައި ވަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސްއާއި، ސްޓޭސް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަދި އެލައިޑް އިންޝިއުރެންސްއަށެވެ.
މި ޒިޔާރާތުގައި ޝިދާތާ ވަނީ ޖެންޑާ އިކުއަލިޓީ ގާނޫނާއި ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ގާނޫނު ތަންފީޒު ކުރާ މިންވަރު އޮޅުންފިލުވައިފައެވެ. އަދި ވަޒީފާގެ މާހައުލުގައި އަންހެނުންނާ މެދު ކުރެވޭ ތަފާތު ކުރުންތަކާއި އަންހެނުންނަށް ދިމާވާ ހުރަސްތައް ހައްލު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ޝިދާތާ ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގައި ތައުލީމް ހާސިލްކުރާ އަންހެނުންގެ އަދަދު ފިރިހެނުންނަށް ވުރެ އިތުރު ކަމުގައި ވިޔަސް، ވަޒީފާގެ މާހައުލުގައި ނުފެންނަ ކަމަށް ފާހަގަކޮށް އެފަދަ ތަފާތު ކުރުންތައް ހައްލުކުރުމަށް ގާނޫނާ އެއްގޮތަން މަސައްކަތް ކުރައްވާނެ ކަމަށްވެސް ޝިދާތާ ވަނީ ވިދާޅުވެފައެވެ.
މި ތަންތަނުގެ އިތުރުން، މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓާ ފާތުމަތު ޔުމްނާ ވަނީ މޯލްޑިވްސް އިމިގްރޭޝަނާއި އޮޑިޓާ ޖެނެރަލްގެ އޮފީހަށް ޒިޔާރަތް ކުރައްވާފައެވެ. އަދި ގާނޫނީ ގޮތުން އަންހެނުނަށް ކަށަވަރުކޮށްދީފައިވާ ހައްގުތައް ތަންފީޒުކުރާ މިންވަރު ބެއްލެވުމަށްޓަަކައި އިތުރު މުއައްސަސާތަކާއި ދައުލަތްހިއްސާވާ ކުންފުނިތަކަށް މިނިސްޓާ ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.