މިރޭ މާލޭ މަގުމަތިން މީހެއްގެ އަތުން 5 ލައްކަ 60 ހާހަށްވުރެ ގިނަ ފައިސާ ފޭރިގެންފި ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ މިރޭ 10:30 ހާ އިރު ހިނގި މިހާދިސާގައި ފައިސާ ފޭރިގެންފައި ވަނީ ދެ ސައިކަލެއްގައި ދިޔަ ތިން މީހަކު، މީހަކަށް ބިރު ދައްކައިގެން ކަމަށެވެ.

ފުލުހުން ބުނެފައިވަނީ އެ ފައިސާ އަކީ އެކްސްޕާޓް މޮޓޯސްގެ އޮފީހަށް ގެންދިޔަ ފައިސާ ކަމަށާ މި ހާދިސާ ހިނގާފައި ވަނީ ފަތަހަ ސުންބުލި ފިހާރަ ހުންނަ ސަރަހައްދުގައި ކަމަށެވެ.

އިއްޔެވެސް ވަނީ ފައިސާ ފޭރުމުގެ ހާދިސާއެއް ހިނގާފައެވެ. ހުޅުމާލޭގައި ހިނގި އެހާދިސާގައި ތިން ލައްކައަށް ވުރެ ގިނަ ފައިސާ ފޭރިގެންފައި ވެއެވެ.

ފުލުހުން އިލްތިމާސް ކުރަނީ ފައިސާ އެއްތަނުން އަނެއް ތަނަށް އުފުލާ އިރު ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ފުލުހުންގެ އިންސްޓޮލޭޝަން ސެކިއުރިޓީގެ ހިދުމަތް ހޯދުމަށެވެ.

ފޭރުމުގެ މިދެހާދިސާއާ ގުޅިގެން މީހަކު ނުވަތަ ބަޔަކު ހައްޔަރު ކުރިކަން އަދި ވަނީ ކަށަވަރެއް ނުވެއެވެ.