ދިވެހިރާއްޖޭއްގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އެމެރިކާއަށް ކުރައްވާ ރަސްމީ ދަތުރެއްގައި މިއަދު ފުރާވަޑައިގަންނަވައިފިއެވެ.

މިނިސްޓަރުގެ މި ދަތުރަކީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓެ، މައިކަލް ރިޗާޑް ޕޮމްޕެއޯ ދެއްވި ރަސްމީ ދައުވަތަކަށް، އެމެރިކާގެ ވޮޝިންޓަނަށް ކުރައްވާ ދަތުރެކެވެ.

މި ދަތުރުގައި ސެކްރެޓަރީ ޕޮމްޕެއޯގެ އިތުރުން، އެމެރިކާ ސަރުކާރުގެ އިސް ބޭފުޅުންނާއި މިނިސްޓާ ޝާހިދު ބައްދަލުކުރައްވާނެއެވެ. މި ގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާއި، އެމެރިކާގެ ޓްރޭޑް ރެޕްރެސެންޓޭޓިވް އޮފީހާއި، ޔޫއެސްއެއިޑް އަދި އޯވަސީސް ޕްރއަިވެޓް އިންވެސްޓްމަންޓް ކޯޕަރޭޝަން ގެ އިސްވެރިންނާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އަދި ދިވެހިރާއްޖެއާއި އެމެރިކާ އާއި ދެމެދުއޮތް ގާތް ގުޅުން އިތުރަށް ބަދަހިކޮށް ހަރުދަނާކުރުމަށްޓަކައި ކުރެވޭނޭ ކަންކަމާއިމެދު މި ދަތުރުގައި މަޝްވަރާކުރެވޭނެއެވެ.

މިނިސްޓަރުގެ މި ދަތުރުގައި ދެ އެއްބަސްވުމެއްގައި ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި އޭވިއޭޝަން ސެކިއުރިޓީއާއި ޔޫއެސްއެއިޑުން ތަރައްގީއަށް ދޭ އެހީގެ އެއްބަސްވުމެއް ހިމެނެއެވެ.

މިނިސްޓަރ ޝާހިދު ވޮޝިންގްޓަން ޑީސީ އަށް ކުރައްވާ ރަސްމީ ދަތުރަށްފަހު، މި މަހުގެ 25 އިން 27 އަށް ޖެނީވާ އަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މިނިސްޓަރ ޝާހިދު ޖެނީވާއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ދަތުރުގެ ބޭނުމަކީ އދ އިންސާނީ ހައްގުތަކާއި ބެހޭ ކައުންސިލްގެ 40 ވަނަ ބައްދަލުވުމުގެ ހައި ލެވެލް ސެގްމަންޓްގައި ބައިވެރިވެވަޑައިގަތުމެވެ.

އަދި މި ދަތުރަށްފަހު ކައުންސިލް އޮފް ފޮރިން މިނިސްޓާސްގެ 46 ވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައި އަބޫދާބީއަށް މިނިސްޓަރ ވަޑައިގަތުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މިނސްޓަރ ޝާހިދުގެ މި ދަތުރުގައި އެމަނިކުފާނުގެ އަރިހުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮ ފޮރިން އެފެއާޒް އަހުމަދު ހަލީލާއި، މިނިސްޓްރީގެ ބައެއް އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.