ވިޔަފާރީގެ ފައިދާ އާއި ޓެކްސްގެ ގޮތުގައި ނެގޭ ފައިސާ ލްޑިވްސް އިންލެން ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނުދެއްކުމުގެ ސަބަބުން އެއަށް އަރާފައިވާ ޖޫރިމަނާއާ އެކު އެ ފައިސާ ދައްކާ ހަލާސްކުރުމަށް އޭ.އޭ.އޭ ޓްރޭޑިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި މެދުފުށި އިންވެސްމަންޓަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

އޭ.އޭ.އޭ ޓްރޭޑިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑު އިން މީރާއަށް ބީޕީޓީ އަދި އެއާއިގުޅޭ ޖޫރިމަނާގެ ފައިސާ ދެއްކުމަށް ހުކުމްކޮށްފައިވާއިރު، މެދުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ހުކުމްކޮށްފައި ވަނީ ޓީޖީއެސްޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ފައިސާ ދެއްކުމަށެވެ.

އޭ.އޭ.އޭ ޓްރޭޑިންގް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ބީޕީޓީ އާއި އެއާގުޅޭ ޖޫރިމަނާ އަދި އިންޓްރެސްޓުގެ ފައިސާގެ ގޮތުގައި ޖުމްލަ 57،287 ޑޮލަރާއި، 61,450 ރުފިޔާ، އަރަމުންދާ ޖޫރިމަނާއާއެކު ތިން މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކާ ހަލާސް ކުރުމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

އޭގެ އިތުރުން މެދުފުށި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ޓީޖީއެސްޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 705,680.43 ޑޮލަރު، އަރަމުންދާ ޖޫރިމަނާއާއެކު ފަސް މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކާ ހަލާސް ކުރުމަށް ވެސް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.