ދިވެހިރާއްޖެއިން ސިންގަޕޫރަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް ޑރ. އަބްދުﷲ މައުސޫމް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައި، ސަފީރު ކަމުގެ ފަތްކޮޅު ދެއްވައިފިއެވެ.

ރައީސް، މައުސޫމަށް މަގާމުގެ ފަތްކޮޅު ދެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޑރ. މައުސޫމަކީ އިނގިރޭސިވިލާތުގެ ބާމިންހަމް ޔުނިވާސިޓީއިން ޑޮކްޓަރ އޮފް ފިލޯސޮފީ ފުރިހަމަކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ ވަނީ ސަރުކާރުގެ މަތީ މަގާމުތައް ވެސް އަދާކުރައްވާފައެވެ. އެގޮތުން ޓުއަރިޒަމް މިނިސްޓަރު ކަމާއި، އެންވަޔަރަންމަންޓް މިނިސްޓަރު ކަމާއި، ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރުކަން ކުރެއްވިއެވެ. އަދި އެންމެ ފަހުން އަދާކުރައްވާފައި ވަނީ ސްޓްރީމް ލައިނާސް ޕްރައިވެޓް ލިމިޓެޑްގެ ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމެވެ.