ރޭ މާލެއާއި ހުޅުމާލޭގައި ހިނގި ތަފާތު ތިން ހާދިސާއެއްގައި އެކަކު މަރުވެ ދެ މީހަކަށް އެކިވަރުގެ އަނިޔާވެއްޖެއެވެ.

މި ތިން ހާދިސާގެ ތެރެއިން ހުޅުމާލޭގައި ހަދުމުން ދިޔަ އިމާރާތެއްގެ ފަސްވަނަ ފަންގިފިލާގެ މަތިން ވެއްޓުނު ގަލަކުން ޖެހި ބަންގުލަދޭޝްގެ 44 އަހަރުގެ މީހެއް ވަނީ މަރުވެފައެވެ. ފުލުުން ބުނީ ރޭ 7:50 ހާ އިރު ހިނގާފައިވާ ހާދިސާގައި މަރުވެފައި ވަނީ ގާ ވެއްޓުނު އިމާރާތުގައި މަސައްކަތް ކުރަމުން ދިމަ މީހެއް ކަމަށެވެ.

މި ހާދިސާ ހިނގުމާއެކު އެމީހާ ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެމީހާ މަރުވެފައިކަމަށް ފުލުހުން ބުނެއެވެ. މި މީހާ މަރުވެފައިވަނީ ބޮޑެތި ޒަހަމްތަކެއް ލިބިގެން ކަމަށް ބެލެވެއެވެ.

މީގެ އިތުރުން ރޭ 11:34 ހާއިރު ގަލޮޅުގައި ހުރި ގެއެއްގެ ނުވަވަނަ ފަންގިފިލާއިން ވެއްޓުނު ކަޓިން ބޯޑަކުން ޖެހި މީހެއްގެ ބޯ ވަނީ ފަޅައިގެން ގޮސްފައެވެ. މި ހާދިސާގައި އަނިޔާވެފައި ވަނީ އުމުރުން 58 އަހަރުގެ ފިރިހެނެކެވެ. މި މީހާގެ ބޮލުގެ ފުއްކިބައިން ދެއިންޗް ހާތަން ފަޅައިގެން ގޮސްފައިވާ އިރު ކަނާތުގެ އުޅަބޮށި ކައިރިން ހަން މަށައިގެން ގޮސްފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި މި މީހާ އައިޖީއެމްއެޗަށް ގެންދެވި ވަގުތުން ފަރުވާ ދެވުނު ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގި ކަމަށް ބެލެވެނީ ނުވަވަނަ ފަންގިފިލާގެ ދިރިއުޅޭ މީހެއް އެ އެޕާޓްމަންޓްގެ ބަދިގެ ސެޓް ހުންނަ ދިމާލުގައިވާ ސްލައިޑް ކުރާ ކުޑަ ދޮރެއް ހުޅުވާލި ގަޑީގައި ކަޓިން ބޯޑު ވެއްޓިގެން ކަމަށެވެ.

އަދި މީގެ އިތުރުން ރޭގެ ވަގުތެއްގައި ދެ ގުރޫޕެއްގެ ދެމެދުގައި ހިނގި މާރާމާރީ އެއްގައި އެކެއްގެ ބޯ ފެޅިފައިވާ ކަމަށް ފުލުހުން ބުނެއެވެ. މި ހާދިސާ ހިނގާފައި ވަނީ ރޭ ދަންވަރު އަލިކިލެގެފާނު މަގުގައެވެ. އަނިޔާވެފައި ވަނީ އުމުރުން 22 އަހަރުގެ ޒުވާނަކަށެވެ. އޭނާގެ ބޯ ވަނީ ދެއިންޗް ހާތަން ފަޅައިގެންގޮސްފައެވެ. އަދި އެ ޒުވާނާ ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައެވެ. މި މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.