އެމްއެމްޕީއާރުސީ އަދި އެސްއޯއެފްގެ އެކައުންޓަށް ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކުރަމުން ދިޔަ ކަމުގެ ރިޕޯޓް ކޮންމެ ހަފްތާއަކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ގާއިމްކޮށްފައިވާ ފައިނޭންޝަލް އިންޓަލިޖެންސް ޔުނިޓް (އެފްއައިޔޫ) އަށް ރިޕޯޓްކޮށްފައިވާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފިއެވެ.

ބީއެމްއެލުން މިހެން ބުނެފައިވަނީ، 1.4 ބިލިއަން ޑޮލަރުގެ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާ ގުޅިގެން އެ އިދާރާއަށް ކުރެވެމުންދާ ތުހުމަތުތަކާ ގުޅިގެންނެވެ.

ބެންކުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިހާރު ކުރާގޮތަށް ބޭންކުތަކުން ބަލާ ސުވާލު ކުރަން ފެށުނީ މިދެންނެވި މުއާމަލާތްތައް [އެމްއެމްޕީއާރުސީ އަދި އެސްއޯއެފްގެ] ހިނގުމުގެ ފަހުން އެންޓި މަނީ ލޯންޑަރިން ގާނޫނާއި ގަވާއިދުތަކަށް އަމަލުކުރަން ފެށުނު ހިސާބުން، އޮކްޓޯބަރު 2014 އިން ފެށިގެން ކަމަށެވެ. އެހެން ނަމަވެސް ނިސްބަތުން ބޮޑެތި އަދަދުތަކުގެ މުއާމަލާތްތައް ހިންގާފައިވާކަން ފާހަގަކުރެވިގެން، ބޭންކުން ވަނީ އެސްއޯއެފްގެ އެކައުންޓުތައް ވަރަށް ގާތުން މޮނިޓާ ކޮށްފައި ކަމަށާއި، މި އެކައުންޓުތައް ގަވާއިދުން ކޮންމެ ދުވަހަކު، އަދި ކޮންމެ ހަފްތާއަކު އަދި ކޮންމެ މަހަކު ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް މޮނިޓާ ކުރެވިފައިވާނެ ކަމަށެވެ.

"މި އެކައުންޓްތަކުން ކުރެވުނު މުއާމަލާތްތައް ވާނީ ކޮންމެ ހަފުތާ އަކު ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ރިޕޯޓް ކޮށްފައެވެ. ބޭންކުގެ އެއްވެސް އެކައުންޓަކުން ދެލައްކަ ރުފިޔާ އަށްވުރެ މަތިން ކުރެވޭ ހުރިހާ ބާވަތެއްގެ މުއާމަލާތްތައް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް "ތްރެޝޯލްޑް ޓްރާންސެކްޝަން ރިޕޯޓު" ގެ ތެރެއިން ރިޕޯޓު ކުރުމަކީ ބޭންކުގެ މައްޗަށް ގާނޫނު ލާޒިމުކުރާ ކަމެއް" ބޭންކުގެ ބަޔާނުގައި ބުނެފައިވެއެވެ.

ބޭންކުން ބުނީ މި މުއާމަލާތްތަކާ ގުޅިގެން ބޭންކުން އަދާކުރަންޖެހޭ ގާނޫނު ލާޒިމުކުރާ އެންމެހައި ޒިންމާތަކެއް ބޭންކުން ވާނީ ފުރިހަމައަށް އަދާކޮށްފައި ކަމަށާއި، ޝައްކުކުރެވޭ މުއާމަލާތްތައް އެމްއެމްއޭ ގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ރިޕޯޓުކުރުމަކީ މަނީ ލޯންޑްރިންގް އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ބޭންކުގެ މައްޗަށް ގާނޫނު ލާޒިމުކުރާ ކަމެއްކަމަށް ބުނެފައިވެއެވެ.

އަދި ޝައްކުކުރެވޭ މުއާމަލާތްތަކާ ގުޅޭ އެނަލިސިސް ރިޕޯޓަކީ މި ގާނޫނުގެ ދަށުން ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ފަރާތުން ތައްޔާރު ކުރާ ރިޕޯޓެއް ކަމަށާއި، މަނީ ލޯންޑްރިންގް އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގައި ބަޔާންކުރާގޮތަށް ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ހުށަހެޅޭ ހުރިހާ ޝައްކުކުރެވޭ މުއާމަލާތްތަކާގުޅޭ ރިޕޯޓުތަކުގައި ބަޔާންކުރާ އެންމެހައި މައުލޫމާތުތައް ބަލައި އިތުރަށް އެމައުލޫމާތުތައް ދިރާސާ ކުރުމަކީ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުގެ ޒިންމާއެއް ކަމަށް ބޭންކުން ބުނެއެވެ.

މީގެ އިތުރުން އެމްއެމްޕީއާރުސީން އެކި ފަރާތްތަކަށް ދޫކޮށްފައިވާ ޗެކްތައް އެސްއޯއެފްގެ އެކައުންޓަށް ޖަމާކޮށްފައިވަނީ އެންޑޯޒްކޮށްގެން ކަމަށާއި، އެންޑޯޒް ކޮށްފައިވާ ޗެކެއް ޖަމާކުރުމަށް ބޭންކަށް ގެނައުމުން ބެންކުން ބަލާނީ އެ ޗެކް ދޫކުރި އެކައުންޓްގެ ވެރި ފަރާތުން ފުރިހަމަ ކުރަންޖެހޭ ހުރިހާކަމެއް ފުރިހަމަކޮށްފައި ވުމުގެ އިތުރުން އެ ޗެކަކީ ހުއްދަދެވިފައިވަ ގޮތަށް ސޮއިކޮށްފައިވާ ފުރިހަމަ ޗެކެއްކަން ކަމަށް ބޭންކުގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި ފެބްރުއަރީ 14، 2016 ގައި އެންޑޯޒް ކޮށްފައިވާ ޗެކް ބަލައިގަތުން ބީއެމްއެލްއިން ހުއްޓާލުމާ ހަމައަށް ކަންކޮށްފައިވާނީ އެގޮތަށް ކަމަށް ބޭންކުން ބުނެއެވެ.

އަދި އެސް.އޯ.އެފް އެކައުންޓަށް ޖަމާކުރެވުނު ޗެކްތައްވެސް ޖަމާކޮށްފައިވަނީ މި އުސޫލުގެ ދަށުން، ގާނޫނުތަކާ އަދި ބޭންކުން އަމަލުކުރަމުން އައި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ވަކި ތަފާތުކުރުމެއްނެތި ކަމަށް ބޭންކުން ބުނެއެވެ. އަދި ބޭންކުގެ މިވީހާތަނަށް ހިންގިފައިވާ ފައިސާގެ މުއާމަލާތްތަކުގެ ރެކޯޑް ތަކުން މިކަން ރަގަޅަށް ހާމަވާނެ ކަމަށް ބީއެމްލުން ބުނެއެވެ.