ޒަމާނުއްސުރެ ޑިޕްލޮމެސީގައި އިސްކަންދެވިފައިވަނީ ގައުމީ މަސްލަހަތަށް ކަމަށާއި، އެހެންނަމަވެސް މޫސުމީ ބަދަލުތަކުގެ މައްސަލައިގައި އިންސާނީ މަސްލަހަތަށް އިސްކަންދޭން ޖެހޭކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އޮފީހާއި ޔޫރަޕްގެ ބައެއް ޔުނިވާސިޓީތައް ގުޅިގެން ބ. އަތޮޅު ދިގުފަރު ރިޒޯޓްގައި "ވޯކްޝޮޕް އޮން ކްލައިމެޓް ޑިޕްލޮމެސީ އެންޑް ޖިއޯ ޕޮލިޓިކްސް" ގެ ނަމުގައި ފެށި ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވާހަކައިގައި ކުދި ޖަޒީރާ ގައުމުތަކުގެ ދިފާއުގައި ބައިނަލްއަގްވާމީ މުޖްތަމައުގައި ރާއްޖެއިން މީގެ ކުރިން އިސްނަގާފައިވާ ގޮތުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ކުދި ޖަޒީރާ ގައުމުތަކަށް މޫސުމީ ބަދަލުތަކާއި ބެހޭ މަޝްވަރާތަކުގައި ކާމިޔާބު ލިބިފައިނުވަނީ، ހަމައެކަނި ބާރުވެރިކަން ނެތިގެން ނޫންކަމަށާއި، ނަމަވެސް ޒަމާންވީ ޑިޕްލޮމަޓިކް އުސޫލުތަކުގައި އެ ގައުމަކަށް ލިބެންއޮތް ފައިދާއަކަށް ބަލައި އަނެއް ގައުމަށް ދޫދިނުމުގެ އުސޫލުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުކުރަނީ ވަކި ގައުމެއްގެ ސަރަހައްދީ އިމުގެ ތެރޭގައި، ވަކި ބަޔަކަށް، ވަކި މިންވަރަކަށް ނޫން ކަމުން، މި އުސޫލުތަކަށް ރިއާޔަތްކޮށް މި މައްސަލައަށް ހައްލެއް ނުލިބޭނެކަމަށް އެމަޝްވަރާތަކުގައި ބައިވެރިވާ ތަޖުރިބާކާރުންނަށް ފާހަގަކުރެވިފައި ވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މޫސުމަށް އަންނަމުންދާ ބަދަލުތަކަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ މައި އެއް ތަނބުކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވާފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ބައިނަލްއަގްވާމީ ކްލައިމެޓް ޑިޕްލޮމެސީގައި ރާއްޖެއިން ހުއްޓުމެއް ނެތި އަޑުއުފުލަމުން ގެންދާނެކަމަށެވެ.
އަދި ފަރަންސޭސީވިލާތުގެ ޕެރިހާއި ޕޮލެންޑްގެ ކެޓޮވިޗްގައި ކުރިއަށް ދިޔަ މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ބެހޭ ބަހުސްގައި ރާއްޖެއިން ބައިވެރިވެ، ޕެރިސް އެގްރިމެންޓާއި ކެޓޮވިޗް ރޫލްބުކް އެކުލަވާލުމުގައި ރާއްޖެއިން މުހިއްމު ދައުރެއް އަދާކުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.