ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ ގިނަ އަދަދެއްގެ ނަރުހުން ހޯދަން ސަރުކާރުން އިއުލާނު ކޮށްފިއެވެ. މިއަދު ހެލްތް މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ އަތޮޅުތެރޭގެ ހޮސްޕިޓަލުތަކަށް 633 ނަރުހުން ބޭނުންވާކަމަށެވެ. މިހާ ގިނަ އަދަދެއްގެ ނަރުހުން ހޯދަން އިއުލާނު ކުރި އިރު އެއީ ކޮންކޮން އަތޮޅުތަކެއްގެ ކޮންކޮން ހޮސްޕިޓަލުތަކެއް ކަމެއް ހެލްތު މިނިސްޓްރީން ހާމަ ކޮށްފައެއް ނުވެއެވެ.

ހެލްތް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި އަތޮޅުތަކުގައި ހިންގާ ހޮސްޕީޓަލްތަކާ ސިއްޙީ މަރުކަޒުތަކުގައި މަސައްކަތްކުރާ ބިދޭސީ ނަރުހުންގެ ބަދަލުގައި ދިވެހި ރެޖިސްޓާރޑް ނަރުހުން ވަނީ ހޯދަން ފަށާފައެވެ. އަދި ނަރުހުންގެ މުސާރައެއްގެ ގޮތުން 9060 ރުފިޔާ އާއި އޭގެ އިތުރުން ސާވިސް އެލަވަންސްތައް ވެސް ލިބޭނެކަމަށް އެ މިނިސްޓްރީން ހާމަކޮށްފައިވެއެވެ.

ހެލްތް މިނިސްޓްރީން ވަނީ ވަަރަށް ފަހުން ގިނަ އަދަދަކަށް ސްޕެޝަލިސްޓުން ހޯދުމަށް ވެސް އިއިލާން ކޮށްފައެވެ.

ރާއްޖޭގެ ސިއްހީ ދާއިރާއަކީ އެންމެ ގިނަ ބައެއްގެ ސީދާ ފާޑުކިއުން އެންމެ ބޮޑު އެއް ދާއިރާއެވެ. ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތް ނުދެވޭ ވާހަކައާއި ގާބިލު މީހުން ނުތިބޭ ވާހަކަ ތަކަށް ހައްލު ހޯދުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.