ބަންގްލަދޭޝްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ 100 އަށްވުރެ ގިނަ މީހުން، ކަމާއި ބެހޭ ފަރާތާއި އަމިއްލައަށް ހަވާލުވެއްޖެއެވެ.

ބަންގްލަދޭޝްގެ އައްސޭރިފަށުގެ އަވަށަކުން ކަމާއި ބެހޭ ފަރާތާއި މިމީހުން އަމިއްލައަށް ހަވާލުވީ މަޢާފު ހޯދުމުގެ ގޮތުން ކަމަށް ބެލެވެއެވެ.

ކަމާއި ބެހޭ ފަރާތްތަކާއި އަމިއްލައަށް ހަވާލުވި ޑްރަގް ޑީލަރުންވަނީ އާންމު ދިރިއުޅުމަކަށް އެނބުރި ދާނެ ކަމަށް ވައުދުވެފައެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގާ ވަރުގަދަ އޮޕަރޭޝަން އަސްލަކަށް ބަލައިގެން، މަސްތުވާތަކެއްޗާއި ދެކޮޅަށް ބަންގްލަދޭޝްއިން ހަނގުރާމަ އިއުލާން ކުރީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. މަސްތުވާތަކެތީގެ އެންމެ ނުރައްކާތެރި ބާވަތްތަކުގެ ތެރޭގައި ހިމެނޭ މެތްގެ އަގުހެޔޮ ގުޅަތައް ބަންގްލަދޭޝްއިން ލިބޭ މައްސަލަ އޮތީ ބޮޑު މައްސަލައަކަށް ވެފައެވެ.

ބަންގްލަދޭޝްއިން ކަމާއި ބެހޭ ފަރާތްތަކާއި އަމިއްލައަށް ހަވާލުވި ޑްރަގް ޑީލަރުންގެ ތެރޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާއި، މަސްތުވާތަކެތި އެތެރެކުރާ ފަރާތްތައްވެސް ހިމެނެއެވެ. ބަންގްލަދޭޝްގެ ކަމާއި ބެހޭ ފަރާތުގެ ނަމުގައި މިމީހުންނާއި ހަވާލުވެވަޑައިގަތީ ހޯމް މިނިސްޓަރު އައްސަދުއްޒަމާން ޚާންއެވެ.

ޑްރަގްޑީލަރުންވަނީ ވެނީލާ ވަސްދުވާ، ފިޔާތޮށި ކުލައިގެ 350000 މެތް ގުޅަވެސް ކަމާއި ބެހޭ ފަރާތްތަކާއި ހަވާލުކޮށްފައެވެ. މީގެ އިތުރުން، ގަވައިދާ ހިލާފަށް ހޯދާފައިވާ ގިނަ އަދަދެއްގެ ހަތިޔާރުވެސް ހަވާލުކޮށްފައިވާކަމަށް ޚަބަރު ލިބެއެވެ.

ބަންގްލަދޭޝްގެ ތަންފީޒީ ބާރުތަކުން 2018 ވަނަ އަހަރު އެކަނިވެސް މީގެ 53 މިލިއަން ގުޅަ ވަނީ އަތުލައިގެންފައެވެ.

ކަމާއިބެހޭ ފަރާތްތަކާއި އަމިއްލައަށް ހަވާލުވި ފަރާތްތައް، އާންމު އުސޫލުން ދިރިއުޅުމަށް ދެވަނަ ފުރުސަތެއް ދިނުމަށް ބަންގްލަދޭޝްގެ ހޯމް މިނިސްޓަރު ވަނީ ނިންމަވާފައެވެ.