އަންނަ އެޕްރީލް މަހުގެ ހަވަނަ ދުވަހު ބާއްވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް 183 ކެންޑިޑޭޓުން، އިލެކްޝަންސް ކޮމިޝަނަށް ކެންޑިޑެސީ ފޯމް ހުށަހަޅައިފިއެވެ.

އީސީން ބުނީ އިއްޔެގެ ނިޔަލަށް މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް ފޯމް ހުށަހެޅީ 183 މީހުން ކަމަށާއި، މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މި މަހުގެ 21 ވަނަ ދުވަހާ ހަމައަށް ހުޅުވާލެވިފައިވާ ކަމަށެވެ.

ޕާޓީތަކުންނާއި އަމިއްލަ ގޮތުން ކުރިމަތިލި ކެންޑިޑޭޓުންގެ އަދަދު؛

އެމްޑީޕީ – 86

އަދާލަތު ޕާޓީ – 7

ޕީޕީއެމް – 14

ޖުމްހޫރީ ޕާޓީ – 6

ޕީއެންސީ – 4

އެމްޑީއޭ – 7

އަމިއްލަ ގޮތުން – 59

ބައެއް ޕާޓީތަކުން އަދި ހުރިހާ ކެންޑިޑޭޓުން ފޯމް ހުށަހަޅާފައި ނުވި ނަމަވެސް، މިއީ ޕާޓީތަކުން ކުރިމަތިލާން ނިންމި މެންބަރުންގެ އަދަދެއް ނޫން ކަން ފާހަގަ ކުރެވެއެވެ.

މަޖިލިސް އިންތިހާބުގެ ވޯޓާސް ލިސްޓް އިސްލާހު ކުރުމަށްފަހު އީސީން ވަނީ އަލުން އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަދި ވޯޓުލުމަށް ރީރެޖިސްޓްރޭޝަނަށް ހުޅުވާލާނީ މި މަހުގެ 18 ވަނަ ދުވަހު ކަމަށް އީސީން ބުނެއެވެ. މަޖިލިސް އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 264،589 މީހުންނަށް ލިބެއެވެ.