ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ނައިބް ރައީސް، ޝައިހް މުހައްމަދު ބިން ރާޝިދް އަލް މަހްތޫމްގެ ހާއްސަ ދައުވަތަކަށް ކުރަށްވާ ރަސްމީ ދަތުރެއްގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީ އެގައުމަށް ވަޑައިގެންފިއެވެ.

މިމަހުގެ 16 އިން 21 އަށް އަބޫދާބީގައި ބޭއްވުމަށް ހަމަޖެހިފައިވާ، އިންޓަނޭޝަނަލް ޑިފެންސް އެގްޒިބިޝަން އެންޑް ކޮންފަރެންސްގައި މި ދަތުރުރުގެ ތެރެއިން ބައިވެރިވެވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.

މި ދަތުރުުގައި، މިއަދު ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ޑިފެންސް ކޮންފަރެންސްގައި މިނިސްޓަރު ބައިވެރިވެވަޑައިގަންނަވާނެއެވެ. އިންޓަނޭޝަނަލް ޑިފެންސް ކޮންފަރެންސަކީ 32 ގައުމެއްގެ، އެކި ދާއިރާތަކުގެ އެންމެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ކޮންފަރެންސެކެވެ.

މީގެ އިތުރުން، އިންޓަނޭޝަނަލް ޑިފެންސް އެގްޒިބިޝަން އެންޑް ކޮންފަރެންސްގައި، ދިފާއީ ދާއިރާތަށް ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގައި ބޭނުންކުރެވޭ އެންމެ ފަހުގެ ވަސީލަތްތަކާއި އާލާތްތައް ދައްކާލުމަށް ހަމަޖެހިފައިވެއެވެ. މިކޮންފަރެންސް އަދި އެގްޒިބިޝަންގެ ސަބަބުން އެހެން ގައުމުތަކުގެ އަސްކަރިއްޔާތަކާއި، ދިފާއީ ދާއިރާތަކުގެ އިސް ބޭފުޅުންނާއި ބައްދަލުވެ، ހިޔާލު ބަދަލުކުރެވި މަޝްވަރާކުރުމަށް ފުރުސަތު ފަހިވެގެންދާނެއެވެ.

މިނިސްޓަރގެ މިދަތުރުގައި، ދިވެހި ރާއްޖޭގެ ދިފާއީ ދާއިރާ ހަރުދަނާކޮށް، ކުރިއެރުވުމަށްޓަކައި އެކަމަނާކުރައްވާ މަސައްކަތުގައި، ޔޫއޭއީގެ ފަރާތުން ދިވެހި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވިދާނެ ގޮތްތަކާއި ދާއިރާތަށް ބެއްލެވުމަށްޓަކައި ބައެއް ބޭފުޅުންނާއި ބައްދަލުކުރައްވާނެއެވެ.