އިންޑިއާގެ އީއީޒެޑް ކައިރިން މަސްވެރިކަން ކުރަމުން ދަނިކޮށް އިންޑިއާގެ ކޯސްޓްގާޑުން ހިފެހެއްޓި ދިވެހި މަސްދޯނި ދޫކޮށްލައިފިއެވެ.

އިއްޔެގެ ވަގުތެއްގައި މި މަސްދޯނި ހިފަހައްޓާފައި ވަނީ އިންޑިއާގެ ލަކްޝަދީޕް ކައިރި ސުހެލި އަތޮޅު ކައިރިންނެވެ. އަދި އިންޑިއާގެ ކޯސްޓްގާޑުން އޮންނަ އުސޫލުގެ ތެރެއިން މަސްދޯނި އެމީހުންގެ ބެލުމުގެ ދަށަށް ގެންގޮށް ކަރަވައްތީއަށް ގެންދިޔައެވެ.

އެމްއެންޑީއެފުން މިއަދު ބުނީ އެ ދޯނި ދޫކޮށްލާފައިވާ ކަމަށާއި، "ވީވަރު" ނަކަމަށް ކިޔާ މި ދޯނީގައި 12 ފަޅުވެރިން ތިބި ކަމަށެވެ.

މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީން ވެސް އިއްޔެ ވަނީ އެކަން ބަލާފައެވެ.

އެމްއެންޑީއެފުން ބުނީ ރާއްޖޭގެ ކޯސްޓްގާޑުން ވެސް ރާއްޖޭގެ އީއީޒެޑުން ގަވާއިދާ ހިލާފަށް އުޅޭ ބޭރުގެ މަސްބޯޓުތައް ފެނުމުން ހުއްޓުވާ، ހަމަޖެހިފައިވާ އުސޫލުން ފިޔަވަޅު އަޅަމުންދާ ކަމަށާއި، ހަމަ އެ އުސޫލުގެ ދަށުން އިންޑިއާއިން ދިވެހި މަސްދޯނި ހިފަހައްޓާފައި ވަނީ އެ ގައުމުގެ ސަރަހައްދުން ކަމަށެވެ. އަދި މަސްދޯނި އިންޑިއާގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނައީ އެގައުމުގެ ކަނޑުގެ ސަރަހައްދުގެ ވަރަށް އެތެރެއަށް ވަދެފައި ވަނިކޮށް ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.