އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ޑޮލަރުގެ ބޮޑުު ހިޔާނާތާއި ގުޅިގެން، އޭސީސީން އާންމުކުރި ރިޕޯޓާ އެއާ ގުޅިގެން ފާހަގަކުރެވިފައި ހުރި މުއާމަލާތްތަކުގެ ތަހުގީގަށް ފުލުހުން ތައްޔާރުވާން ފަށައިފިއެވެ.

މި މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން "ދަޕްރެސް" އަށް މައުލުމާތު ދެއްވަމުން އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވީ އޭސީސީގެ ތަހުގީގީ ރިޕޯޓާއި ގުޅިގެން ފުލުހުން ބައެއް ކަންކަން ހާމަކުރާނެ ކަމަށެވެ. އަދި މި މައްސަލައާއި ގުޅިގެން ކުރިން ހޯދިފައިވާ ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް މި މައްސަލަތައް ކުރިއަށް ގެންދަވާނެ ކަމަށެވެ.

"މި އަންނަ ހަފްތާގައި މި މައްސަލަ ވަރަށް ފުޅާކޮށް ތަހުގީގުކުރުން ފެށިގެންދާނެ. އޭގެ ކުރިން މީޑިއާއަށް ހާމަކުރާނަން އެކަން ކުރިއަށް ގެންދާނެ ގޮތާއި، މުޅި ޖުމްލަކޮށް މައްސަލައާއި ގުޅޭގޮތުން ދެވެން ހުރި މިންވަރަކަށް މައުލޫމާތު" ހަމީދު ވިދާޅުވިއެވެ.

އޭސީސީން އާންމުކުރި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގީ ރިޕޯޓުގައި ވާގޮތުން ހިޔާނާތުގެ ފައިސާ 163 ފަރާތެއްގެ އެކައުންޓަށް ވަދެފައިވެއެވެ. އަދި މިއީ ހަމައެކަނި ބޭންކު މެދުވެރިކޮށްގެން ކުރި މުއާމަލާތްކަމަށާއި، ނަގުދު ފައިސާގެ ހިސާބެއް ސާފު ނުވާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.

މިހާރު ދައުރުވަމުންދާ ބައެއް މައުލޫމާތުތަކަށް ބަލާއިރު، 163 ފަރާތެއްގެ އިތުރުން ޖުމްލަ 500 އަށްވުރެ ގިނަ މީހުންނަށް ހިޔާނާތުގެ ފައިސާ ލިބިފައި ވާކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ. އަދި މިކަމާއި ގުޅުންހުރި ފަރާތްތަކުގެ ފޯން ކޯލުތައް ފުލުހުން ޓްރޭސްކޮށް އެ މައްސަލަ އިތުރަށް ބަލަމުންދާ ކަމުގެ މައުލޫމާތު ލިބެއެވެ.

މި މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ގެންދަވަނީ ޖަލު ހުކުމް ތަންފީޒު ކުރައްވަމުންނެވެ. އަދި ހިޔާނާތުގެ ފައިސާ ލޯންޑާ ކުރި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ޖުމްލަ 1.4 ބިލިއަން ރުފިޔާއަށް އަރާކަމަށް ރިޕޯޓުން ދެއްކި ނަމަވެސް، މި މައްސަލަ ފަޅާއަރުވާލި ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒް އިބްރާހީމް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ އަދަދު 3 ބިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ.